ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ހިމެނޭހެން އެ ޕާޓީގެ ކައުންސިލް ގިނަ މެންބަރުން މިރޭ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ގިރާވަރު ކޮމިޓީއާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި މިއަދާ ހަމައަށް ހުންނެވި ކުރީގެ ޔޫތު މިނިސްޓަރު ޑރ. އިރުތިޝާމް އަލީއާއި އެ ޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދު ވެސް ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފައެވެ.
މީގެ އިތުރުން ވެސް ޖޭޕީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޔޫތު މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް
- ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ހަސަން މުޣުނީ
- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަލީ އިބްރާހިމް ދީދީ
- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދީލް އަލީ
- ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ޝާހިދު
މީގެ އިތުރުން ވެސް ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު ނާޒް ވެސް ވަނީ ޖޭޕީއަށް ސޮއިކުރައްވައިފައެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރެއްވި ފިލްމީ ތަރި އާމިނަތު ރިޝްފާ ވެސް ވަނީ މިރޭ ޕީޕީއެމަށް ސޮއިކޮށްފައެވެ.
އެ އެންމެން ވަނީ މިރޭގެ ޖަލްސާގައި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާ ފޯމު ހަވާލުކޮށްފައެވެ.
ޖޭޕީއަށް ނިސްބަތްވާ ގިނަ މެންބަރުންތަކެއް މިރޭ ސޮއިކޮށްފައިވާއިރު ޖޭޕީގެ ކައުންސިލް ބައްދަލުވުމުން ފާސްކޮށްފައިވަނީ އިންތިޚާބުގެ ދެ ވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.