އެމްޑީޕީން އުޅެނީ ދެން އަންނަ ސަރުކާރަށް ޖެއްސުން ކުރަން: އިދިކޮޅު

ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ރިޔާސީ އިންތިޚާބާ ދިމާކޮށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ބޮޑެތި ނިންމުންތައް ނިންމަމުން ދަނީ ދެން އަންނަ ސަރުކާރަކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްކަން އެނގޭތީ، ޖެއްސުން ކުރަން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޯލިޝަނުގެ ކެންޕޭނު ތަރުޖަމާނުގެ ނާއިބު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، އިންތިހާބާ ދިމާކޮށް މުސާރަ ބޮޑު ކުރުމާއި، ގޯއްޗާއި ފްލެޓު ދިނުންފަދަ ކަންކަން ސަރުކާރުން ކުރަނީ އިހުލާސްތެރިކަމާއެކު ނޫން ކަމަށެވެ.

ވަކިން ޚާއްސަކޮށް، އޭނާ ވަނީ ނުދައްކާ ހުރި ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި ސަރުކާރަށް ލިބެންޖެހޭ ހަތަރު ބިލިއަން ރުފިޔާ މާފުވި މައްސަލައިގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އިޚްލާސްތެރިކަމެއް އޮތް ނަމަަ، މަހުޖަނުން ދައްކަންޖެހޭ ފައިސާއެއް ނޫން މާފުކުރާނީ، އިހުލާސްތެރި ކަމެއް އޮތް ނަމަ މާފުކުރާނީ ދިވެހި ރައްޔިތުން ދަރާފައި އޮތް ދަރަނި،" މުއާޒް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ގަބޫލުކުރައްވާ މި ހަތަރު ބިލިއަން ރުފިޔާއަކީ، މި ހަތަރު ބިލިއަން ރުފިޔާގެ އަގަށްވާ، ނޫނީ އޭގެން ކޮންމެވެސް ބައެއް މަހުޖަނުންގެ އަތުން ލިބިގެން ނޫނީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން."

އެ ފައިސާގެ މައްސަލަައިގައި ސަރުކާރުން ބުނެފައިވަނީ، ކުލީގެ ގޮތުގައި ލިބެންޖެހޭ އެއްވެސް ފައިސާއެއް މާފުކޮށްފައި ނުވާނެ ކަމަށެވެ. އަދި، އެ ހަތަރު ބިލިއަން ރުފިޔާ މަދުވީ، ޖޫރިމަނާގެ ރޭޓު ސަބަބުވެރި މިންވަރަކަށް ދަށްކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވަނީ އެ ކޯލިޝަންގެ ފަރާތުން ހުރި އިތުރު ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައެވެ.

އެގޮތުން ސަރުކާރުގެ ހައުސިން ސްކީމުތަކުން ފްލެޓު ލިބިފައިވާ ބައެއް މީހުންނަށް އެމްޑީޕީގެ ހަރުގެ ތަކުން ތަޅުދަނޑި ދޫކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި، އެގޮތަށް ދޫކުރާއިރު، އާއިލާ އެންމެންގެ އައިޑީކާޑު ބަހައްޓަން މަޖުބޫރު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށެވެ. ނަމަވެސް، އިދިކޮޅު ކޯލިޝަނުން އެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް