ކުރިއާ މެދުވެރިކޮށް އެތެރެ ކުރި 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޖުލައި 8، 2021: ކަސްޓަމްސް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައި ވަނީ ކުރިއާ މެދުވެރިކޮށް ޖަރުމަނުން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލާފާސްކުރުމުގެ ތެރެއިން ޝައްކުވާ ޒާތުގެ އެއްޗެއް ފެނުމުން ކަމަށެވެ.

އެ ޕާރުސަލް ބަލައި ފާސްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ތަކެތި އިތުރަށް ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއްކަމަށް ވާ އެމްޑީއެމްއޭއަށް އެތަކެތި ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޓަކައި މިހާރު ވަނީ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ވެސް ކަސްޓަމްސްއިން ވަނީ ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 490 ގްރާމްގެ ކެނަބިސް އަތުލައިގެންފައެވެ.

އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާއިން ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް