ދައުލަތުގެ މާލީ ހިސާބުތައް ސިއްރުކުރީ ޔާމީން ދައުރުގައި: އަމީރު

ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ދައުލަތުގެ މާލީ އެއްވެސް ކަމެއް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ މި ސަރުކާރުން ސިއްރުނުކުރާކަމަށާއިި އެ ކަން ކުރީ ކުރީގެ ޕީޕީއެމް ސަރުކާރުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުހައްމަދު މުއިއްޒު ބ. ކަމަދޫގައި ދެއްކެވި ވާހަކަފުޅަކަށް ރައްދުދެއްވަމުންނެވެ.

މުއިއްޒު ވިދާޅުވީ ބޭރު ގައުމުތަކުން ނަގާ އެއްވެސް ދަރަންޏެއްގެ މައުލޫމާތު ސިއްރުވެގެން ނުވާނެ ކަމަށެވެ. މަތިމައްޗަށް ދަރަނި ނަގަމުން އަންނަކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެއިން އެއްްވެސް ކަމެއްގެ މައުލޫމާތު ތިލަނުވާކަމަށް ވިދާޅުވެފައެވެ.

އޭނާގެ އެ ވާހަކަތައް ބޮޑަށް އަމާޒުކުރެއްވީ އިންޑިއާއިން ރާއްޖެ ނަގާ ދަރަނިތަކަށެވެ.

އިދިކޮޅު ކެންޑިޑޭޓުގެ މި ވަހަކަތަކާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުން، ބޭރު ޤައުމުތަކުން ނަގާ އެއްވެސް ލޯނެއްގެ މައުލޫމާތު ސިއްރު ނުކުރާކަމަށެވެ.

މިހާރު ވެސް ގާނޫނުތައް ބުނާ ގޮތަށް، ރައްޔިތުންގެ މަޖިލީހަށާއި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތީރިޓީއަށް އެ މައުލޫމާތުތައް ހިއްސާކުރާކަމަށް އަމީރު ވިދާޅުވިއެވެ.

އެ މައުލޫމާތުތަކުގެ އިތުރުން ދެން ހުންނަ މައުލޫމާތުތައް މިނިސްޓްރީގެ ވެބްސައިޓުގައި ވެސް އާންމުކޮށްފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

އެއާއެކު އަމީރު ވަނީ ދައުލަތުގެ މާލީ ހިސާބުތައް 'ފޮރުވީ' ކުރީ ވެރިކަމުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި މި ސަރުކާރުން މާލީ ކަންކަން ސިއްރުކުރާކަމަށް ބުނެ އެއްވެސް ވާހަކައެއް ކުރިން ސަރުކާރުގައި އޮތް އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ނުދެއްކޭނެކަމަށް އަމީރު ވިދާޅުވިއެވެ.

"ތިއީ 2013-2018 އަށް މަޖިލިހަށް ދަރަންޏާއި، މާލީ ހާލަތާއި ބެހޭ ރިޕޯޓްތައް ފިނޭންސްއިން ފޮނުވީމަ އެފޮރުވައިގެން އުޅުނު ބަޔެއް ދަައްކަން ރަނގަޅުވާހަކައެއް ނޫން،" އަމީރުގެ ޓްވީޓުގައިވެއެވެ.

އެއާއެކު އަމީރު ވަނީ ރައްޔިތުންނަށް އަބަދު އޮޅުވާލުމާއި މަކަރު ހެދުމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް