އީސީގެ މޫނު ފިޔަވާ އެހެން ހުރިހާ ގުނަވަނެއްގައި އަންހެނުން!

ރިޔާސީ އިންތިޚާބުގެ އެސްއެމްޓީ އަންހެން މެމްބަރުން --

ރިޔާސީ އިންތިޚާބުގެ އެންމެ ކުދިކުދި އިދާރީ މަސައްކަތްތަކުން ފެށިގެން ވޯޓު ފޮށިތައް ރަށްރަށަށް ފޮނުވުމާ ހަމައަށް ވެސް އަންހެނުންނެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުޅި ސީނިއާ މެނޭޖްމަންޓް ޓީމާއި މަސައްކަތްތެރިންނަކީ ހުސް އަންހެނުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މި މީހުން ހުކުރެއް ހޮނިހިރެއް، ފަތިހެއް މެންދަމެއް ނުބަލާ މިކުރަނީ ބޮޑު ގައުމީ މަސައްކަތެކެވެ. އިލެކްޝަންސް ކޮމިޝަންގެ މޫނުމަތި ކަމުގައިވާ ފަސް ފިރިހެން މެމްބަރުން ފިޔަވާ އެ ކޮމިޝަންގެ އެހެން ހުރިހާ ގުނަވަނަކީ ކަނބަލުންނެވެ. ނަމަވެސް އެމީހުންގެ މަސައްކަތް ވަނީ ފަރުދާގެ ފަހަތުގައި ނިވާވެފައެވެ. އެ ސަބަބަށްޓަކާ މި ކަނބަލުންގެ ވާހަކަ އަހަރެމެންގެ ތެރޭގައި ދެކެވޭ އަޑެއް ނީވެއެވެ. އެ ކަނބަލުން އެވާ ގުރުބާނީ މުޖުތަމައުގެ ލޮލަކަށް ނުފެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މުޅި ފޯކަސް މިވަގުތު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހުއްޓިފައި ވީނަމަވެސް އެ ކޮމިޝަންގެ މަސައްކަތްތައް އެހިސާބަކުން އަދި ނުހުއްޓެއެވެ. އެ ކޮމިޝަނަކީ އަބަދުވެސް ހިނގަހިނގާ ހުންނަ މުއައްސަސާއެކެވެ. އެގޮތުން ބައި އިލެކްޝަންތަކާއި އެހެނިހެން އިންތިޚާބުތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެވެއާނަސް ޕްރޮގްރާމްތައް ހިންގުމަކީ ކޮމިޝަނުން އަބަދު ވެސް ކުރާ މަސައްކަތްތަކެވެ. މި ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއެކު ހިނގަހިނގާ ހުރުމުގެ ފަހަތުގައި ވަނީ ކެރޭ ހިތްވަރުގަދަ ކަނބަލުންނެވެ. އެއީ އިލެކްޝަންސް ކޮމިޝަންގެ ހުންގާނެވެ.

އިލެކްޝަންސް ކޮމިޝަނުގައި އަންހެނުންގެ ދައުރު

ފެހި ގާނޫނު އަސާސީގެ ދަށުން 2008ވަނަ އަހަރު މިނިވަން މުއައްސަސާއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން އުފެއްދުމާއި އޭގެ ކުރިން ވެސް އެ ކޮމިޝަނުގައި އަންހެނުންގެ ދައުރު އިންތިހާއަށް ބޮޑެވެ. ކޮމިޝަންގެ ހުންގާނުގައި އޭރުވެސް ތިއްބެވީ ހަމަ އަންހެން ކަނބަލުންނެވެ.

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ކުރިއަށް ދަނީ --- ސަންފޮޓޯ/ އަހްމަދު އާޒިފް

މިއަދުގެ ހާލަތަށް ބަލާއިރު އިލެކްޝަންސް ކޮމިޝަންގެ ހިއުމަން ރިސޯސް އަދި ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރަކަށް ހުންނެވީ އަންހެން ކަނބަލެކެވެ. އެލެކްޓޯރަލް މެނޭޖްމަންޓް ޑިވިޝަނާއި ސެކްޝަންގެ ހެޑަކަށް ހުންނެވީ އަންހެން ކަނބަލުންނެވެ. އަދި ކޮމިޝަންގެ ގާނޫނީ ލަފާދޭ ލީގަލް ޑެޕިއުޓީ ޑިރެކްޓަރާއި އިންތިޚާބަށް ނަގާ ޓާސްކް ފޯސް ޓްރެއިން ކުރުމުގެ ހަމަ އެކަނި ޓްރެއިނަރަކީ ވެސް ކަނބަލެކެވެ. މިހެން ގޮސް މި ލިސްޓުގެ އެއްތައް މަގާމެއް ފުރުއްވަން ތިއްބެވީ ކަނބަލުންނެވެ. ނަމަވެސް، ކޮމިޝަންގެ މޫނުމަތި ފިޔަވައެވެ.

އިންތިޚާބާ ގުޅިގެން ވަގުތީ ގޮތުން ކޮންޓްރެކްޓަށް ނަގާ އިންތިޚާބުގެ ޓާސްކް ފޯސް ވެސް މައިގަނޑު ގޮތެއްގައި އެކުލެވިގެން ވަނީ އަންހެނުންގެ މައްޗަށެވެ. އަދި އިންތިޚާބީ މަރުކަޒުގެ އޮފިޝަލުންނާއި ވެރިންގެ ގޮތުގައި ވެސް ގިނައިން މަސައްކަތް ކުރައްވަނީ ކަނބަލުންނެވެ.

ކުރަންޖެހޭ މަސައްކަތާއި ދުވަސްވަރުގެ ގޮތުން އެ ކަނބަލުން ގިނަ ވަގުތު ހޭދަކުރަން ޖެހިފައި ވަނީ އިންތިޚާބާ ބެހޭ ގައުމީ މަރުކަޒު، ދަރުބާރު ގޭގައެވެ. ނުވަތަ އިލެކްޝަން ކޮމިޝަންގެ އޮފީސް އިމަރާތުގައެވެ.

"އާންމުކޮށް އިންތިޚާބުތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރޭވިފަ ހުންނަ ގޮތުން ހެނދުނުން ފެށިގެން ދަންވަރު 12 ޖަހަންދެން މަސައްކަތްތައް އެބަ ދޭ ކުރިއަށް. ތަފާތު އެކިއެކި ބައްދަލުވުންތަކާ އެކިއެކި އޮޕްރޭޝަންތަކާ އެކި މަސައްކަތްތަކަށް އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު ހޭދަކުރަން،" އިލެކްޝަން ކޮމިޝަންގައި 15 އަހަރު މަސައްކަތް ކުރައްވާ އެކޮމިޝަންގެ ސިވިކް އެޑިއުކޭޝަން އެންޑް ޓްރެއިނިންގައި އުޅުއްވާ ޓްރެއިނަރު ފާތިމަތު ޒުހުދާ ވިދާޅުވިއެވެ.

ކޮމިޝަންގެ އިންތިޚާބީ މަސައްކަތްތައް ފަށަނީ އިންތިޚާބު އިއުލާނު ކުރާ ހިސާބުން ފެށިގެނެވެ. އަދި ސުން މިނެޓު ކަނޑައަޅާފައި ހުންނަ މަސައްކަތްތައް ނިންމުމަށްޓަކާ ކޮންމެހެން ވެސް އެކަނބަލުން މަސައްކަތް ކުރަން ޖެހެއެވެ.

"ސުންމިނެޓު ކަނޑައަޅާ އިރުގަ ގާނޫނުގެ ތެރެއިން ހުންނަނީ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ގުނާ ގޮތަށް. އަޅުގަނޑުމެނަށް ގިނަ ވަގުތު މަސައްކަތް ކުރުން ނޫން އެހެން އޮޕްޝަންއެއް ނުއެއް އިނދޭ އެ ހާލަތުގައެއް،" އޭނާ ވިދާޅުވިއެވެ.

ވޯޓް ގުނުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން ސުންމިނެޓަށް މަސައްކަތްތައް ނިންމުމަށާއި އާންމު ކުރަންޖެހޭ ލިސްޓުތައް އާންމުކޮށް ޝަކުވާއަށް ހުޅުވާލުން ފަދަ ކަންކަން ކުރަން ކޮންމެހެން ވެސް ގިނަ ވަގުތު އޮފީހުގައި މަސައްކަތް ކުރަން އެބަ ޖެހެއެވެ. ވަގުތު ޖެހެންދެން މަޑުކޮށްގެން ތިބުމަކީ އެ ކަނބަލުނަނަށް އޮތް ގޮތެއް ނޫނެވެ.

އިންތިޚާބީ މަސައްކަތުގެ އިންތިޒާމްތައް

އިންތިޚާބީ މަސައްކަތުގައި އުޅުއްވާ ގިނަ ކަނބަލުން ރެއާދުވާލު ދަރުބާރު ގޭގައި މަސައްކަތް ކުރާއިރު، އެ ކަނބަލުންނަށް ހަމަޖައްސައިދެއްވާފައިވާ އިންތިޒާމުތައް ފުރިހަމަކަން އެ ކަނބަލުން ފާހަގަ ކުރައްވައެވެ. އެގޮތުން އިންތިޒާމުތައް ހަމަޖެހިފައި ވަނީ ކެއިން ބުއިމާއި ނިދާލުން ފަދަ ކަމެއް ބޭނުންވެއްޖެ ނަމަ އެކަން ވެސް ކުރެވޭނެ ފަދަ ގޮތަކަށެވެ.

"އަޅުގަނޑުމެން ވަރަށް މަދު ވަގުތުކޮޅެއްގައި ނިދާލުމާ ނެޕެއް ނެގުމާ ކަންކަން ކުރަނީ ދެން އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު ކޮށްލާއިރު އަޅުގަނޑުމެން ބަލަން ކޮންމެވެސް ވަރެއްގެ ނެޕެއް ނޫނީ ވަގުތުކޮޅެއް ދެވޭތޯ ބްރޭކެއްގެ ގޮތުގައި. އެހެންވީމަ ބައެއް ސްޓާފުން މަޑުކުރުވާފަ ފޮނުވެން އޮތް ސްޓާފުން ފޮނުވައިގެން މަސައްކަތް ކުރަނީ. ދެން އެއްވެސް ގޮތަކަށް ނުފޮނުވޭ ކަމުގައި ވެއްޖެ ނަމަ މިތަނުގެ ތެރޭގައި ހުންނާނެ ބައެއް ދިމަދިމާ ނެޕެއް އެއްޗެއް ނަގާލަން މަޑުކޮށްލެވޭނެ ކުޑަކޮށް ރެސްޓް ކޮށްލަން،" ޒުހުދާ ވިދާޅުވިއެވެ.

އިންތިޚާބުގައި މަސައްކަތް ކުރާ އަންހެން ކަނބަލުން --

އެހެންކަމުން ހައްޓަށް ބުރަ މަސައްކަތެއް ކަމުގައި ވީނަމަވެސް، މަސައްކަތް ކުރާއިރު އެންމެ ފުރިހަމަ އިންތިޒާމްތައް މަސައްކަތްތެރީންނަށް ފޯރުކޮށްދިނުމަށް ކޮމިޝަނުން މަސައްކަތް ކޮށްފައި ވާކަން ކޮމިޝަންގެ ފަރާތުން ވާހަކަ ދެއްކި ކަނބަލުން ފާހަގަ ކުރެއެވެ.

ގޮންޖެހުންތައް

ކޮމިޝަންގެ މަސައްކަތްތަކުގައި ހޭބޯނާރާ މަސައްކަތްކުރާ ކަނބަލުންގެ ތެރެއިން ގިނަ މީހުނަކީ ކައިވެނި ކޮށްގެން ދަރިން ވެސް ތިބި މީހުނެވެ. އެހެންކަމުން ކޮމިޝަންގެ މަސައްކަތުގެ އިތުރުން އެ މީހުން މާ ބޮޑެތި އެހެން ޒިންމާތަކެއް ވެސް ވެއެވެ.

މިތަނުގައި މަސައްކަތްކުރާ ގިނަ މީހުނަކީ އުޖޫރައަށް މަސައްކަތް ކުރުމުގެ ބަދަލުގައި ގައުމީ ލޯތްބާއި މަސައްކަތަށް އޮންނަ ލޯބީގެ ސަބަބުން މަސައްކަތްކުރާ މީހުނެވެ. އެ މީހުން މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރާއިރު ދަރިންގެ ކަންކަމުގައި ފިރިމީހާގެ އެހީތެރިކަން ނުވަތަ އާއިލާ މީހެއްގެ އެހީތެރިކަން ފުރިހަމައަށް ލިބޭކަން ގިނަ މީހުން އުފަލާއެކު ފާހަގަ ކުރެއެވެ.

"މިތަނުގައި މަސައްކަތް ކުރާ ގިނަ އަންހެން ކަނބަލުންނަށް ފެމިލީ ސަޕޯޓް ވަރަށް ބޮޑަށް ލިބިގެން މިކަމުގައި މި އުޅެނީ،" ޒުހުދާ ވިދާޅުވިއެވެ.

ކޮމިޝަންގެ މަސައްކަތުގައި ކިތަންމެ ގިނަ ވަގުތު މަސައްކަތް ކުރަން ޖެހުނު ނަމަވެސް އާއިލީ ކަންކަމުގައި ކަނބަލުންނަށް ކޮމިޝަނުން ލުއިތައް ވެސް ދެއެވެ. ނަމަވެސް އާއިލާއާ ދުރުގައި ގިނަ ވަގުތު ހޭދަކުރުން ގިނަ މީހުނަށް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ.

"ކޮމިޝަންގަ 12 އަހަރު މަސައްކަތް ކުރިއިރު އާއިލާއަށް ދެވުމު ވަގުތާ މެދު ވިސްނާފަ ވަރަށް ދެރަވޭ އަސްލު. ކުދިން ބޮޑެތިވެފަ ހުއްޓަ ފެންނަ ކަހަލަ އިހުސާސެއް މި ކުރެވެނީ،" އިލެކްޝަންސް ކޮމިޝަންގެ އިލެކްޓޯރަލް މެނޭޖްމަންޓް ޑިވިޝަންގެ ހެޑް ޝަހުލާ އިސްމާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮމިޝަންގެ ދާއިމީ މުވައްޒަފުންނަށް ކުރިމަތިވާ އަނެއް ގޮންޖެހުމަކީ ކޮމިޝަންގެ މަސައްކަތްތަކަށް ދާއިމީ އިމާރާތެއް ނެތް މައްސަލައެވެ. އަދި އެތައް ގުރުބާނީއަކާއި އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރާއިރު އެ ކަނބަލުންގެ މުސާރައާއި ކުރާ މަސައްކަތް ނުބައްދަލު ވުމަކީ ވެސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ކަނބަލުންގެ ކަންބޮޑުވުމެކެވެ.

"ދެން އަޅުގަނޑުމެން އިންތިޚާބަށް ޓްރެއިނަރުން ބޭނުންވެގެން އުޅުނަސް ކޯޑިނޭޓަރުން ބޭނުންވެގެން އުޅުނަސް އަބަދު ވެސް އެއް ބައެއް މި ލިބެނީ. ޔަންގް ޖެނެރޭޝަން އިންތިޚާބުގެ ޕްރޮސެސްއަށް އެވެއާ ވާން އެހާ ބޮޑު އިންޓެރެސްޓެއް ނެތްކަން އަޅުގަނޑަށް ފާހަގަ ވަނީ،" ޝަހުލާ ވިދާޅުވިއެވެ.

އިލެކްޝަންގެ މަސައްކަތްތަކަށް އިސްނަގަނީ އަބަދު ވެސް އެއް ބައެއްކަން ފާހަގަކޮށް ޝަހުލާ ވިދާޅުވީ ޒުވާނުންގެ ޝައުގުވެރިކަން މިކަމަށް ލިބުމަކީ ވަރަށް އުންމީދު ކުރާ ކަމެއް ކަމަށެވެ.

ކޮމިޝަންގެ މޫނުމަތިން އަންހެނުން ނުފެންނަނީ ކީއްވެ؟

އިލެކްޝަން ކޮމިޝަނަކީ އަބަދު ވެސް ހިނގަހިނގާ އޮންނަ މުއައްސަސާއެކެވެ. އަދި ދުއްވައިގަންނަން ޖެހިއްޖެ ހާލަތެއް އެކަމަށް ވެސް ތައްޔާރަށް އޮންނަން ޖެހޭ މުއައްސަސާއެކެވެ. މި ހާލަތުގައި ކޮމިޝަންގެ ފަޔަކީ ވެސް މި ބުނާ ހިތްވަރުގަދަ އަންހެން ކަނބަލުންނެވެ.

ކޮމިޝަންގެ މޫނުމަތި ފިޔަވާ އެހެން ހުރިހާ ގުނަވަނަކީ އަންހެން ކަނބަލުން ކަމުގައި ވާއިރު ކޮމިޝަންގެ މޫނުމައްޗަށް އަންހެން ކަނބަލަކަށް ނާދެވެނީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. މި ސުވާލުގެ ޖަވާބަކަށް ބަލާއިރު އެއީ ހަމަ ގައިމު ވެސް ކަނބަލުން އެކަމަށް ޝައުގުވެރިކަން ފާޅު ނުކުރާތީކީ ނޫނެވެ. މީގެ ކުރިން އީސީގެ ހިންގުމުގައި އުޅުއްވި ކަނބަލުން މެމްބަރުކަމަށް ކުރިމަތި ލާފައި ވެސް އެބަ ހުއްޓެވެ.

ކޮމިޝަނަށް މެމްބަރުން އައްޔަން ކުރާއިރު، އެކަމަށް ކުރިމަތިލާ މެމްބަރުން އެ މީހުންގެ ނަން އަމިއްލައަށް ހުށަހަޅަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ނަންތަކުގެ ތެރެއިން ރައީސް ރުހުން ދެއްވާ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާއިރު އެ ލިސްޓު ފޮނުވަނީ ވަކި ތަރުތީބަކަށެވެ. އެ ލިސްޓު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސް ކުރުމަށްފަހު ލިސްޓުގައި ތިބި މެމްބަރުންނާ އިންޓަވިއު ކުރެއެވެ. އަދި އެއަށްފަހު މަޖިލީހުން ވޯޓު ދީގެން ކޮމިޝަނަށް މެމްބަރަކު ހޮވައެވެ.

މީގެ ކުރިން ކޮމިޝަންގެ މެމްބަރުކަމަށް ވެސް ކުރިމަތި ލެއްވި ޝަހުލާ ވިދާޅުވީ، ރައީސް މަޖިލީހަށް ލިސްޓު ފޮނުއްވާއިރު އެންމެ ކުރީގައި އަބަދު ވެސް އުޅުއްވަނީ ފިރިހެން ބޭފުޅެއްގެ ނަން ކަމަށެވެ.

"އަޅުގަނޑަކަށް ނޭންގެ އެއީ ކޮއިންސިޑެންޓެއް ކަމެއް ކޮންމެ ފަހަރަކު. އަޅުގަނޑު ކުރިމަތި ލީ ފަހަރު އަޅުގަނޑުގެ ނަން އިނީ ދެވަނައަށް،" އޭނާ ވިދާޅުވިއެވެ.

މިނިވަން މުއައްސަސާއެއް ކަމުގައި ވީނަމަ ވެސް މިހިސާބުން ކޮމިޝަނަށް ސިޔާސީ ބާރު ވަންނަ ކަމަށް ގިނަ މީހުން ގަބޫލު ކުރެއެވެ. އަދި ފަހަރުގައި މިއީ އަންހެނުންނަށް ކޮމިޝަންގެ މެމްބަރުކަން ނުލިބޭ ސަބަބެއް ކަމުގައި ބައެއް މީހުން ފާހަގަ ކުރެއެވެ.

އިންޓަވިއުގައި ކިތަންމެ ރަނގަޅު ޕާފޯމަންސެއް ދެއްކި ކަމުގައި ވީނަމަވެސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ވާން އަންހެނުންނަށް ގޮންޖެހުންތައް ހުރިކަން ޝަހުލާ ފާހަގަ ކުރެއްވިއެވެ.

"ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ އިންޓަވިއު އަޑުއަހާފަ އަޅުގަނޑުމެންނަށް ކޮމެންޓް އެބަ އާދޭ. އަޅުގަނޑު ކުރިމަތިލީ ފަހަރު ރޮޒޭ ވެސް (އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް) ވާހަކަ ދެއްކެވި އިރު ފާހަގަކުރެއްވި އަންހެނުންނަށް އެ ފުރުސަތު ނުލިބޭކަން،" ޝަހުލާ ވިދާޅުވިއެވެ.

މިއީ ކޮމިޝަންގައި މަސައްކަތް ކުރާ ގިނަ ކަނބަލުންގެ ކަންބޮޑުވުމެކެވެ. އަދި މުޅި ކޮމިޝަންގެ ހުރިހާ ގުނަވަނެއް ވެސް މިހާރު އެންމެ އުންމީދު ކުރަނީ ކޮމިޝަންގެ އެންމެ މަތީ މަގާމަކަށް އަންހެނަކު އައްޔަން ވާ ދުވަހެވެ.

ކާމިޔާބު އިންތިޚާބު، އެންމެ ބޮޑު ހިތްހަމަޖެހުން

އެތައް ގުރުބާނީއަކާއެކު މިފަދަ ބޮޑު ގައުމީ މަސައްކަތެއް ކުރާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ކުރާ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުންކަމީ ޝައްކެތް ވެސް ނެތް ކަމެކެވެ. އެގޮތުން މިމަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމުނީ ވަރަށް ކާމިޔާބުކޮށް ކަން ކޮމިޝަންގައި މަސައްކަތް ކުރެއްވި ގިނަ ކަނބަލުން ވަނީ ފާހަގަ ކުރައްވާފައެވެ.

"ކުރިން އިންތިޚާބުތަކާ އަޅާބަލާއިރު މިއަހަރުގެ އިންތިޚާބުގަ އަޅުގަނޑުމެނަށް އަމިއްލައަށް ވަރަށް ގިނަ ވަގުތު ލިބިފަ އެބަހުރި. އާންމުކޮށް ވޯޓު ނެގުމުގެ ކުރިއަށް އޮންނަ ރޭ އައިއްސަ އަޅުގަނޑުމެނަށް ދެވޭނީ ވޯޓު ލުން ނިމި ނަތީޖާ އިއުލާނު ކުރާ ފަހުން. އެކަމަކު މިފަހަރު ހުކުރު ދުވަހު އައިއްސަ އެންމެ ފަހުގެ ކަންކަން ނިންމާފަ އެރޭ 12ޖެހި އިރު އަޅުގަނޑުމެނަށް ދެވުނު. ދެން އަޅުގަނޑުމެންގެ އޮޕަރޭޝަން ފެށީ އަނެއް ދުވަހު ހެނދުނު،" ޒުހުދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ ކުރިން އިންތިޚާބުތަކާ އަޅާ ބަލާއިރު ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އިންތިޚާބުގެ ފުރަތަމަ ބުރާ ގުޅިގެން ޝަހުލާ ވެސް ފާހަގަކުރެއްވި އެއް ކަމަކީ މި އިންތިޚާބުގައި ކުރިން އިންތިޚާބުތަކާ އަޅާ ބަލާއިރު ހޭލާ ތިބެ މަސައްކަތް ކުރި ވަގުތު މަދުކަމެވެ.

"ވެދާނެ އަޅުގަނޑުމެން މިހާރު އިންތިޚާބު ބާއްވަބާއްވާ ނޯމަލް ކަމަކަށް ވެގެން އަޅުގަނޑުމެނަށް މާ ކަންކަން ރަނގަޅަށް ކުރެވޭތީ ކަމަށް ވެސް މިހާރު އެވަރަށް ހޭލާ ތިބެން ނުޖެހެނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކަނބަލުން ކޮމިޝަންގެ ހުންގާނުގައި ތިބެ ކުރައްވާ ބުރަ މަސައްކަތް މީހުން ބަލައިގަންނަ ކަމުގެ އިހުސާސް އެ ކަނބަލުންނަށް ކުރެވުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަން އެ ކަނބަލުން ފާހަގަ ކުރައްވައެވެ.

"އަޅުގަނޑުމެންގެ މެމްބަރުންގެ ފަރާތުން ނޫނީ އާއިލާ މީހުންގެ ފަރާތުން އިންތިޚާބު ކުރިއަށް ވުރެ ރަނގަޅުކަން ފާހަގަ ކުރީމަ ނޫނީ ކާމިޔާބު އިންތިޚާބެއްކަން ފާހަގަ ކުރީމަ ވެސް ހަމަ ވަރަށް ޕްރައުޑް ފީލް ވޭ،" ޝަހުލާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ގިނަ އަދަދަކަށް އަންހެން ކަނބަލުން މަސައްކަތް ކުރާއިރު ގިނަ ވަގުތު ބުރަ މަސައްކަތް އަންހެނުންނަށް ކުރެވޭނެކަން އެ ކަނބަލު އެދަނީ ގައުމަށް ސާބިތުކޮށްދެމުންނެވެ. ކޮމިޝަންގައި އެ ކަނބަލުން އެ ކުރައްވަނީ ގައުމީ މަސައްކަތެކެވެ. މިއީ ޝުކުރު ހައްގު މަސައްކަތެކެވެ.

ނަމަވެސް، އިލެކްޝަންސް ކޮމިޝަންގެ ދިގު އުމުރުގައި މިހާތަނަށް ކޮމިޝަންގެ މޫނުމަތިން އަންހެނަކު ނުފެނުމަކީ ހިތާމަވެރި ކަމެކެވެ. އަދި އެއީ ގިނަ ބަޔަކު ދެކެން އުންމީދު ވެސް ކުރާ އެންމެ ބޮޑު އެއް މަންޒަރެކެވެ.

comment ކޮމެންޓް