ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ދޭނަން: މުއިއްޒު

ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތާ އެއްގޮތަށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަޒީފާ ދޭނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެެެއެވެ.

މިރޭ ބ. ކަމަދޫގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހާއްސައެހީއަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ރައީސް ޔާމީންގެ ސަރުކާރުގައި އިސްކަން ދިން ކަމަށެވެ. އޭރުގައި ގިނަ ވަޒީފާތަކެއް އެފަދަ ކުދިންނަށް ދިންކަން ފާހަގަކުރެއްވިއެވެ.

"އެ ކަމެއް މިހާރު ނުފެނޭ. އެ ސިިޔާސަތު އަޅުގަނޑުމެން އަލުން އިޔާދަކޮށް އަޅުގަނޑުމެން ސަރުކާރެއްގައި އެފަދަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާ އަދާކުރަން ފުރުސަތު ހުޅުވައިލަދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، އެފަދަ ކުދިންނަށް ކިޔަވައިދޭ ސްކޫލްތައް ވެސް ވަރަށް މަދުކަމަށާއި މާލޭގައި ހުރި ސްކޫލްތަކުގައި ވެސް ފެންވަރު ދަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކުދިންނަށް ވެސް ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދީ މުޖުތަމައުގައި ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި އެ ކަމަށް އިސްކަންދީ ކޮންމެ އަތޮޅެއްގެ އެއް ރަށުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެވޭ ގޮތް ހަމަޖައްސައިދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ، ޑަޔަލިސިސް ހަދަން ޖެހޭ ގިނަ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށާއި އެ ފަދަ ގިނަ މީހުންނަށް ކޮންމެ ފަހަރަކު މާލެއަށް ދާން ޖެހުމުން ތަކުލީފަކަށް ވާ ކަމަށެވެ. އެހެންވެ، އޭނާގެ ވެރިކަމެއްގައި ކޮންމެ އަތޮޅެއްގެ މައި ހޮސްޕިޓަލުގައި އެ ޚިދުމަތް ދެވޭނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

ނަފްސާނީ މައްސަލަތައް ހައްލުކޮށް، ނަފްސާނީ ދުޅެހެޔޮކަން ގާއިމުކުރުމަށް ޓަކައި ނަފްސާޏީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް ވެސް މަޖިލީހުގެ އެހީތެރިކަމާއެކު އެކުލަވައިލައްވާނެކަމަށް ވެސް މުއިއްޒު މިރޭ ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް