ކޭޕާކު މައްސަލައާ ގުޅިގެން ސައްޙަ މައުލޫމާތު ފެތުރުމަށް ހަންބޯ ކުންފުނިން ގޮވާލައިފި

ކޭ ޕާކް ރެޒިޑެންސްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައި -- ފޮޓޯ: ކޭ ޕާކް ރެޒިޑެންސް / ފޭސްބުކް

ކޭޕާކު މައްސަލައާ ގުޅިގެން ތެދު މައުލޫމާތު ފެތުރުމަށް އެ ފްލެޓުތަކުގެ މަސައްކަތާ ހަވާލުވެގެން ހުރި، ހަންބޯ ކުންފުނިން ގޮވާލައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ "އެޑްވޮކަސީ ޗޭމްބާސް" ލޯ ފާމާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ޚަބަރާ ގުޅިގެން ރައްދު ދީފައެވެ.

އެގޮތުން އެ ކުންފުނިން ބުނެފައިވަނީ އެ މައްސަލަޔާ ގުޅިގެން، ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން، ހަސަން މަމްދޫހު (މަންޑޭ) ކުންފުނީގެ ލިޔުންތަކެއް ފޯޖުކޮށްފައިވާ ކަމަށެވެ. އަދި އޮޅުވާލައިގެން ފްލެޓު ވިއްކުމުގެ މުއާމަލާތްތައް އޭނާ ކޮށްފައިވަނީ އެކަށީގެންނުވާ ބޮޑެތި އަދަދުތަކުން، ނަގުދު ފައިސާއިން ކަމަށެވެ.

އެހެންކަމުން، އެ މުއާމަލާތްތައް މަނީ ލޯންޑަރިންއަށް މަގުފަހިކުރުވާ ކަމަށެވެ. އެއާއެކު، އެ މުއާމަލާތްތަކަކީ ސައްހަ މުއާމަލާތްތަކެއް ކަމަށް ގަބޫލު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ކުންފުނިން ބުނީ އެ ހާލަތުގައި މުއާމަލާތްކުރި މީހުން އެންމެ ފުރަތަމަ ޖެހޭނީ މުއާމަލާތް ސާބިތުކުރުން ކަމަށެވެ. އެގޮތުން، މުއާމަލާތް ސާބިތު ކުރުމަށް ބައެއް ފަރާތްތަކަށް ދެއްކިފައި ވަނީ ހަމައެކަނި މަންޑޭ ދީފައިވާ ރަސީދެއް ކަމަށެވެ.

އެހެން ކަމުން މުއާމަލާތް ސާބިތު ކުރުމުގެ ބަދަލުގައި، އެކި ބަޔާން ނެރުނީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައި ވަނީ ބަންދުގައި ބެހެއްޓުމަށް ފަހު، މިހާރު ކޯޓުން ދޫކޮށްލާފައިވާ މަންޑޭއާ މެދު ދައުލަތުން ހަރުކަށިކޮށް އަމަލުކުރުމަށް ގޮވާލާފައެވެ.

އެ ބަޔާން ނިންމާލަމުން ވަނީ "އެޑްވޮކަސީ ޗޭމްބާސް"ގެ ހައިސިއްޔަތާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން އެ ލޯފާމުން ތަމްސީލު ކުރާ ކަމަށް ބުނާ ކްލަޔަންޓުންގެ ލިސްޓެއް ދޭން އެދުމުން އެކަން ކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް