އިލްހާމް ވެސް ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް ޞާލިހަށް

އިލްހާމް ރައީސް ޞާލިހާ ބައްދަލުކުރައްވަނީ ---

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

އިލްހާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާ ކަމަށެވެ. އަދި އޭނާ އެ ނިންމުން ނިންމީ ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ގާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ރައީސް ޞާލިޙް ވަނީ ފާއިތުވެމިދާ ރިޔާސީ ދައުރުގައި، ގައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއެކް ވެރިކަން ކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައި ކަމަށެވެ.

"އެމަނިކުފާނު ވަނީ ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދެއްވައިގެން ވެސް ވެރިކަން ކުރެއްވިދާނެކަން ދައްކަވާފައި،" އިލްހާމް ވިދާޅުވިއެވެ.

"ٱللَّٰه ގެ ތަނަވަސް ރަހުމަތްފުޅުން މި ރިޔާސީ އިންތިޚާބް ކާމިޔާބް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް،" އިލްހާމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު ސައީދާއި މުހައްމަދު ފަޔާޒު ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ނިންމާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 86،141 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 38.2 ޕަސެންޓެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 101،581 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.1 ޕަސެންޓެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ އިތުރަށް ވޯޓު ލިބިފައިނުވާތީއެވެ.

comment ކޮމެންޓް