މިދިޔަ އޯގަސްޓު މަހު މޯލްޑިވްސް ކަސްޓަމްސްއަށް ލިބުނު އާމްދަނީ، މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަށް ވުރެ 17 ޕަސެންޓް ދަށްވެއްޖެއެވެ.
ކަސްޓަމްސްއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު ލިބުނީ 324 މިލިއަން ރުފިޔާއެވެ. ނަމަވެސް ޖުލައި މަހު 361 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ފަސް ގައުމުގެ ތެރެއިން އެއްވަނައިގައި އުޅެނީ އޮމާނެވެ. އެގޮތުން އެ ގައުމުން ވަނީ 887 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ.
ދެވަނައަށް އިންޑިއާއިން 736 މިލިއަން ރުފިޔާގެ މުދާވަނީ އިމްޕޯޓްކޮށްފައެވެ. ޔޫއޭއީ އިން 648 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. ޗައިނާއިން 398 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު ޖަރުމަނުން 364 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.
އިމްޕޯޓްކުރި މުދަލުގެ ބާވަތަށް ބަލާއިރު އެންމެ ބޮޑު ބައެއް އިމްޕޯޓުގައި ހިއްސާކުރަނީ ތެލެވެ. އެގޮތުން ގާތްގަނޑަކަށް 1.1 ބިލިއަން ރުފިޔާ ޑީސެލާއި، ޕެޓްރޯލާއި އޭވިއޭޝަން ގޭސް ފަދަ ތެލުގެ ބާވަތްތައް އެތެރެކުރަން ޚަރަދުކޮށްފައިވެއެވެ.
ދެން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ކާބޯތަކެތީގެ ބާވަތްތަކަށެވެ. އެގޮތުން 802 މިލިއަން ރުފިޔާ އެ ކަމަށް ޚަރަދުކުރިއިރު، ތިންވަނައަށް 783 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ އެކިއެކި އިލެކްޓްރިކް އާލާތްތައް އެތެރެކުރުމަށެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ އޯގަސްޓާ އަޅައިކިޔާއިރު އިމްޕޯޓުގެ އަގަށް ހަތް ޕަސެންޓް އިތުރުވުމެކެވެ.
ރާއްޖެއިން ބޭރުކުރި މުދަލަށް ބަލައިއިރު، އެންމެ ގިނަ އަދަދެއްގެ މުދާ ބޭރުކުރީ ޖަރުމަނަށެވެ. އެގޮތުން އެ ގައުމަށް 23 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކުރިއިރު ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ އިނގިރޭސިވިލާތަށެވެ. އެ ގައުމަށް 16 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއެެވެ. ތައިލޭންޑަށް 13 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު އިންޑިއާއަށް ހަތް މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. ފަސްވަނައިގައި އުޅެނީ ފްރާންސެވެ.
ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ފިނިކުރި ކަނޑުމަހާއި މަސްދަޅެވެ. އެއީ 45 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ އޯގަސްޓާ އަޅައިކިޔާއިރު އެކްސްޕޯޓު ކުރި މުދަލުގެ އަގަށް 26 ޕަސެންޓް ދަށްވުމެކެވެ.