ކުރިއާ މެދުވެރިކޮށް ގެނައި 490 ގްރާމްގެ ކެނަބިސް އަތުލައިގެންފި

ރާއްޖެއަށް މީގެ ކުރިން އެތެރެ ކުރަން އުޅުނު ކެނަބިސް -- ސަން ފައިލް ފޮޓޯ

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރި 490 ގްރާމްގެ ކެނަބިސް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް އެމެރިކާއިން ރާއްޖެ އެތެރެކުރި ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ޕާރުސަލްތައް ބަލައި ފާސްކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހެވެ.

ކަސްޓަމްސައިން ބުނީ ޕާރުސަލްތަކުގެ ތެރެއިން ފެނުނީ ހިކި ފަތްތަކެއް ކަމަށެވެ. އެ ތަކެއްޗާމެދު ޝައްކު ކުރެވުމުން، އެ ތަހުލީލުކުރުމުން ކެނަބިސްއަށް ޕޮޒިޓިވްވީކަމަށް އެ އިދާރާއިން ބުންޏެވެ.

އެއާއެކު އެ ކަން އިތުރަށް ތަހުގީގުކުރުމަށް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ނިމިދިޔަ މަހުގެ 27ވަނަ ދުވަހު ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މަގުމަތީ އަގު ދެ މިލިއަނަށް އަރައިކަމަށް ބެލެވޭ ދެ ކިލޯގެ ހެރޮއިން އެ އިދާރާއިން ވަނީ އަތުލައިގެންފައެވެ.

މަސްތުވާތަކެތި ޕޯސްޓު މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރާ މިންވަރު ވެސް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

comment ކޮމެންޓް