ޔޫއެފާ ޗެމްޕިއަންސް ލީގުގައި ނެދަލެންޑްސްގެ ޕީއެސްވީ އަތުން އިނގިރޭސިވިލާތުގެ އާސެނަލް ފަސޭހަކަމާ އެކު މޮޅުވެއްޖެއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ އެ މެޗުގައި ޕީއެސްވީގެ މައްޗަށް އާސެނަލުން ކުރި ހޯދީ 4-0ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ އަށްވަނަ މިނެޓުގައި އާސެނަލުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. މާޓިން އޮޑެގާޑް ފޮނުވާލި ހަމަލާއެއް، ޕީއެސްވީގެ ކީޕަރު ވޯލްޓާ ބެނިޓޭޒް މަތަކުރުމާ އެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ރީބައުންސް ބޯޅައިން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ބުކަޔޯ ސަކާއެވެ.
އާސެނަލްގެ ދެވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 20 ވަނަ މިނެޓުގައެވެ. ސަކާ ދިން ބޯޅައަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބެލްޖިއަމް ފޯވަޑް ލިއާންޑްރޯ ޓްރޮސާޑްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޓްރޮސާޑްއަށް ލިބުނު ބޯޅަ އަމާޒުކޮށްލާފައިވަނީ ޕީއެސްވީ ގޯލުގެ ތިރީ ކަނަކަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ތިން ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ޓްރޮސާޑް ދިން ބޯޅައަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވަޑް ގެބްރިއަލް ޖެސޫސްއެވެ. އޭނާ އެ ގޯލު ޖެހީ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
އާސެނަލުން ޖެހި ހަތަރުވަނަ ގޯލު ފެނިގެންދިޔައީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ރެއިސް ނެލްސަން ދިން ބޯޅައަކުން އާސެނަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އޮޑެގާޑްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޮޑެގާޑް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ޕީއެސްވީ ގޯލުގެ ތިރީ ކަނަކަށެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އަމިއްލަ ދަނޑުގައި ބަޔާން މިއުނިކުން ވަނީ 4-3ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. ރަށުން ބޭރުގައި ނަޕޯލީން ވަނީ 2-1ގެ ނަތީޖާއަކުން ބްރާގާ ބަލިކޮށްފައެވެ.
އަމިއްލަ ދަނޑުގައި ސަލްޒްބާގް އަތުން 2-0ގެ ނަތީޖާއަކުން ބެންފީކާ ބަލިވި އިރު، ރެއާލް ސޮސިއެޑާޑާއި އިންޓަ މިލާން ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ސެވިއްޔާ އާއި ލެންސް ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ރެއާލް މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ޔޫނިއަން ބާލިން އަތުން އުނދަގޫ މޮޅެއް ހޯދައިފައެވެ.