ވާދަވެރި މެޗުގައި ބަޔާނުން ޔުނައިޓެޑު ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކޮޅަށް ގޯލު ޖެހުމަށްފަހު، ބަޔާންގެ ހެރީ ކޭން އުފާފާޅުކުރަނީ -- ފޮޓޯ/ ބަޔާން

ޔޫއެފާ ޗެމްޕިއަންސް ލީގުގެ "ގްރޫޕު އޭ"ގައި ޖަރުމަންގެ ބަޔާން މިއުނިކުން އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ޔުނައިޓެޑުގެ މައްޗަށް ބަޔާނުން ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ. ރޭގެ އެ މެޗު ކުޅުނީ ބަޔާންގެ އާލިއާންޒް އެރީނާގައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ބަޔާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ހެރީ ކޭން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބަޔާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަރުމަން ފޯވަޑް ލެރޯއީ ސާނޭއެވެ. އެ ގޯލުގައި ޔުނައިޓެޑުގެ ކީޕަރު އަންދްރޭ އޮނާނާގެ ގޯސް ފާހަގަވެގެންދިޔައެވެ.

އޭގެ ހަތަރު މިނެޓު ފަހުން ބަޔާނުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ޖަމާލް މުސިއާލާ ދިން ބޯޅައަކުން ބަޔާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ޖަރުމަން ފޯވަޑް ސާޖް ގްނަބްރީއެވެ. އޭނާ އެ ގޯލު ޖެހީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ ޔުނައިޓެޑުން ވަނީ ގޯލެއް ޖަހައި އުންމީދު އާކޮށްފައެވެ. ރީތި ކުޅުމަކާ އެކު މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވަޑް ރަސްމުސް ހޮއިލުންޑްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ބަޔާންގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އެއީ, މިސީޒަނުގައި ޔުނައިޓެޑާ ގުޅުނު ހޮއިލުންޑް، އެ ކްލަބުގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިސަންގެ އަތުގައި ބޯޅަ ޖެހުމުން، ބަޔާނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޕެނަލްޓީން ބަޔާނަށް އަލުން ލީޑު ފުޅާކޮށްދިނީ މިސީޒަނުގައި އެޓީމާ ގުޅުނު އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ޔުނައިޓެޑުން އަލުން ގޯލެއް ކާމިޔާބުކުރިއެވެ. އެންތޮނީ މާޝިއާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ވެއްޓިލާފައި ފޮނުވާލި ހަމަލާއަކުން ޔުނައިޓެޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ބަޔާން ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ގޯލެއް ކާމިޔާބުކުރިއެވެ. ބަޔާންގެ ހަތަރުވަނަ ގޯލު ފްރާންސް ފޯވަޑް މަތިޔަސް ޓެލް ކާމިޔާބުކޮށްދިން އިރު، ޔުނައިޓެޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ގޯލު ވެސް ޖެހި ކަސެމީރޯއެވެ.

comment ކޮމެންޓް