މަހުޖަނު އީލޮން މަސްކްގެ އެކްސް ސޯޝަލް މީޑިއާގެ އިންޑިއާ، ދެކުނު އޭޝިއާގެ ޕޮލިސީ ހެޑް ސަމިރަން ގުޕްތާ އިސްތިއުފާ ދެއްވައިފިއެވެ.
ގުޕްތާ އިސްތިއުފާ ދެއްވާފައި މިވަނީ އިންޑިއާގައި އަންނަ އަހަރު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް އެކްސްގެ ބައެއް ޕޯސްޓުތައް ނަގަން ދެކޮޅު ހެދުމާ ގުޅުމާ ހުރި މައްސަލައެއް ކޯޓުން ބަލަމުން ދަނިކޮށެވެ.
ގުޕްތާއަކީ ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އެކްސްގެ އިންޑިއާގެ އެންމެ އިސް މުވައްޒަފެވެ.
ގުޕްތާ ވަނީ މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް މީޑިއާއާ ހިއްސާކުރަން ދެކޮޅު ހައްދަވާފައެވެ.
ގުޕްތާގެ ލިންކްޑްއިން ޕްރޮފައިލްގައިވާ ގޮތުން ގުޕްތާގެ ދައުރު މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ހަމަވެފައެވެ. އޭނާގެ ލިންކްޑްއިން އެކައުންޓުގައި ހަމައެކަނި ބުނެފައިވަނީ މަސްކްގެ އެކްސްއަށް އާ ލީޑާޝިޕް ގެނައުމުގެ ފުރުސަތު ފަހިކޮށްދެއްވީ ކަމަށެވެ.
އެކްސްއިން އިންޑިއާ މުހިންމު މާކެޓެއްގެ ގޮތުގައި ސިފަކުރާއިރު، އެ މާކެޓުގައި ގާތްގަނޑަކަށް 27 މިލިއަން މީހުން އެކްސް ބޭނުންކުރެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރުގެ އެހެން އޮފިޝަލުންނަކީ އާންމުކޮށް މި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކެވެ.
އިންޑިއާގައި ގުޕްތާ އަކީ އެކްސްގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ ގުޅުން ބާއްވާ ހަމައެކަނި އެގްޒެކެޓިވް އެވެ.
އިންޑިއާގެ ކޯޓަކުން ވަނީ ސަރުކާރުން އެންގި ނަމަވެސް އެކްސްއިން ބައެއް ކޮންޓެންޓް ނަގަން ދެކޮޅު ހެދި ކަމަށް ބުނެ, ޖޫރިމަނާގެ ގޮތުގައި 60,208 ޑޮލަރު ދައްކަން އަންގައި ހުކުމެއް ކޮށްފައެވެ. އެހުކުމް އިސްތިއުނާފުކޮށް، އެކްސްއިން ބުނެފައި ވަނީ އިންޑިއާ ސަރުކާރުން ބުނާހާ ގޮތަކަށް އަމަލު ކުރާ ނަމަ، އެއީ ސެންސާޝިޕް އިތުރު ކުރުމަށް ސަރުކާރަށް ދެވޭ ހިތްވަރެއް ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ އެކްސްއިން ބައެއް ކޮންޓެންޓް ނެގުމަށް ތަކުރާރުކޮށް އެންގި ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށާއި އެއީ ސަރުކާރުގެ ދައުރަށް އުނިކަން އަންނަ ކަމެއް ކަމަށެވެ.