ދިވެހީންގެ ކިބައިގައި ހުރި ރިވެތި އިހުސާންތެރިކަމުގެ ސިފަ ނެތިދިޔަ ނުދީ: ޑރ. އަޝްރަފް

ޒަމާނުއްސުރެ ފެށިގެން ދިވެހީންގެ ކިބައިގައި ހުރި އިހުސާންތެރިކަމުގެ ރިވެތި ސިފަ ގެއްލުވާނުލުމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް, ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އިއްޒުއްދީން ސްކޫލުގެ 2023 ވަނަ އަހަރުގެ ސްޓޫޑެންޓް ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު އިއްޔެ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން އަޝްރަފް ވިދާޅުވީ، އިހުސާންތެރިކަމަކީ ލީޑަރުންގެ ގޮތުގައި އައްޔަނުވެ ބެޖު ލިބުނު ހުރިހާ ކުދިންގެ ކިބައިގައި ވެސް ހުރުން ލާޒިމު ސިފައެއް ކަމަށެވެ. އަދި ތިމާގެ ކިބައިގައި އަނެކާ އާ ދޭތެރޭގައި ވިންދު ޖެހުމުގެ ސިފަ ހުންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސިފައިގެ މުހިންމުކަން ބަޔާން ކުރައްވާ އޭނާ ވިދާޅުވީ އަނެއް މީހާއަކީ ނިކަމެއްޗެއްކަން އަދި އަނެއް މީހާއަށް ކަމެއް ދިމާވެދާނެކަން ދެނެ ނުގަނެވޭ، އިހުސާސް ނުކުރެވޭ މީހާއަކީ އިންސާނީ އެންމެ މުހިންމު ސިފަތަކުން މަހުރޫމުވެފައިވާ މީހެއް ކަމަށެވެ.

"މިކަހަލަ ޖަޒުބާތެއް މިކަހަލަ އިހުސާސެއްނެތް ބަޔަކު ދިރިއުޅޭ ކޮންކްރީޓުގެ ޖަންގައްޔަކަށް މި ދުނިޔެ ބަދަލުވެގެން ދިއުމަކީ އަޅުގަނޑު އެދޭ އެދުމެއް ނޫން،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

އިއްޒުއްދީން ސްކޫލުގެ 2023 ވަނަ އަހަރުގެ ސްޓޫދެންޓް ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ދިވެހި ބަހުގެ އެކަޑެމީ

މި ސިފަ އަކީ ދިވެހިން ކުރިން ފެށިގެން ދަމަހައްޓަމުން އައި ސިފައެއްކަން ފާހަގަ ކުރައްވާ ޑރ. އަޝްރަފް ވިދާޅުވީ ކުރީގެ ދިވެހިންނަކީ މީހަކު ކަމަކަށް އެދިއްޖެ ނަމަ، އަރުވާ ޖަހާފައި އިތުރު ސުވާލެއްވެސް ކުރުމެއް ނެތި އެކަމެއް ކޮށްދިނުމަށް އަންނަ ބައެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެންމެ ފުރަތަމަ ވެސް މީހަކު ކަމެއް ކޮށްދިނުމަށް އެދިއްޖެ ނަމަ އަހާލާނީ 'ފައިސާ ކިހާވަރެއް' ތޯ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ ދިވެހި އަދަބީ ބަސްތަކާ މަޖާޒު ތަކަށް ބަލާލުމުންވެސް ކުރީގެ ދިވެހީންނަކީ އެކުވެރި ރަހުމަތްތެރި ބައެއް ކަން ހާމަވާ ކަމަށެވެ.

"މިއަދު ޖެހިގެން ހުންނަ ގޭގަ ކޮންމެ ކަމެއް ހިނގިޔަސް ތަށަށް ކިޔަނީ މަރިޔަނބު ހޭ ވެސް އަހާ ނުލާ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

މި ޖަލްސާގައި އަލަށް ހޮވުނު ސްޓޫޑެންޓް ލީޑަރުންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އީމާންތެރިކަމަކީ ވެސް ލީޑަރަކަށް ވާނަމަ ކޮންމެހެންވެސް ހުންނަން ޖެހޭ ސިފައެއް ކަމަށެވެ.

އެގޮތުން އެ ކުއްޖަކާ ހަވާލުވި މަގާމާއި މަސްއޫލިއްޔަތާއި ޒިންމާ ތަކަށް ތެދުވެރި ނުވެއްޖެ ނަމަ ލީޑަރެއްގެ ގޮތުގައި އެ ކުއްޖަކަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވުނީ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ. އަދި އެހެން ވެއްޖެ ނަމަ އޭނާގެ ފަހަތުން ހިނގާނޭ އިތުރު އެއްވެސް ދަރިވަރެއް ނުހުންނާނެ ކަން ވެސް އަޝްރަފް ފާހަގަ ކުރެއްވިއެވެ.

އިއްޒުއްދީން ސްކޫލުގެ 2023 ވަނަ އަހަރުގެ ސްޓޫދެންޓް ކައުންސިލް ހުވާ ކުރުމުގެ ރަސްމިއްޔާތު-- ފޮޓޯ: ދިވެހި ބަހުގެ އެކަޑެމީ

އިތުރަށް ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެއްގެ ގޮތުގައި ޑރ. އަޝްރަފް ފާހަގަ ކުރެއްވީ އަނެކާއަށް ކަމޭހިތުމުގެ ސިފައެވެ. އަޝްރަފް ވިދާޅުވީ ލީޑަރެއްގެ ގޮތުގައި ހުންނަ އިރު އަނެކާގެ ގުރުބާނީތައް ދެނެގަންނަން ޖެހޭނެ ކަމަށެވެ.

އެ ގޮތުން އޭނާ މިސާލު ޖެއްސެވީ މައިންބަފައިންނާ ޓީޗަރުން އެ ކުދިންނަށްޓަކައި ކުރައްވާ ބުރަ މަސައްކަތަށެވެ. އެ ކުރާ ބުރަ މަސައްކަތް ދެނެގަނެ އެކަން އަގުވަޒަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވަރަށް ފަސޭހައިން ބުނާ ދެތިން ހަތަރު އިބާރާތެއް އޮންނާނެ އެކައްޗަކީ ތޭންކްޔޫ. އަނެކައްޗަކީ އައި ލަވް ޔޫ. އަނެކައްޗަކީ ސޮރީ. އެކަމަކު ސުވާލަކީ މަންމަ ގައިގަ ބައްދާލާފަ ކޮން ދަރިއަކަށްބާއޭ ބުނަން ކެރުނީ މަންމާއޭ މަންމަ ދެކެ ވަރަށް ލޯބިވެޔޭ. މަންމަ ދެކެ ވަރަށް ލޯބިވެޔޭ ބުނީ މަ ހިތަށް މި އަންނަ އަސަރާއި، އައިލަވްޔޫއޭ ބުނީމަ ސިކުންޑިއަށް މި އަންނަވިސްނުމާ އުޑާއި ބިމާހާ ތަފާތު." އޭނާ ވިދާޅުވިއެވެ.

ލީޑަރުންގެ ކިބައިގައި ހުންނަން ޖެހޭނެ ހަތަރު ވަނަ ސިފައެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މީހާގެ ކިބައިގައި ހުންނަން ޖެހޭ ކަންކަން ބަދަލު ކުރުމުގެ ސިފައެވެ. އެގޮތުން އެ ކުއްޖަކު ދިރިއުޅޭ މުޖުތަމައުގައި ހުންނަ ގޯސްކަންކަން ބަދަލު ކުރުމުގެ ވިސްނުން ހުރެ އަމަލީ ގޮތުން ވެސް އެކަންކަން ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ޑރ. އަޝްރަފް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ މި ސިފަތައް ހުރިތޯ ކޮންމެ ކުއްޖަކު ވެސް އަމިއްލަ ނަފްސު ތަހުލީލު ކުރަން ޖެހޭ ކަމަށެވެ. އަދި ރަނގަޅު ސިފައެއް ހުރިނަމަ އެ ސިފަ ދަމަހައްޓާ ގޯސް ސިފައެއް ހުރިނަމަ އެ ސިފައެއް އެ ކުއްޖެއްގެ ކިބައިން ނައްތާލުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓޫޑެންޓް ލީޑަރުންނަށް ދީފައި އެވާ ބެޖާއި، ލަގަބަކީ އެ ބަދަލުތައް މުޖުތަމައުއަށް ގެނައުމައްޓަކައި ޒިންމާ މަތިކޮށްދީފައިވާ ބެޖާއި ލަގަބެއް ކަން ވެސް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވަނިީ ފާހަގަ ކުރައްވައިފައެވެ.

comment ކޮމެންޓް