މިއަދު މިފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖަލަށްލުމުގެ ނަތީޖާ ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.
ގަލޮޅު ކަންމަތީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ދޮންބިލެތް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ގިނަ ބަޔަކު އާދޭސްކޮށްގެން ކަމަށެވެ.
އެމަނިކުފާނު ވެރިކަމަށް ކުރިމަތިލެއްވީ ރައީސް ނަޝީދު ޖަލަށްލުމުން އިތުރު ގޮތެއް ނެތިގެން ކަމަށާއި އަދި އެއީ ވަރަށް ބިރުވެރި ދުވަހެއް ކަމުގައި ދޮންބިލެތް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ކެންޑޭޓަށް ކުރިމަތި ނުލެވޭ ގޮތް ހަދައި ޖަލަށް ލީ އެކޮޅުކޮޅުން އެލުވައިގެން ގަދަކަމުން ކޯޓަށް ގެނެސް ހުކުމް ކޮށްގެން ކަމަށާއި އަދި އެއަށް ފަހު ޕާޓީ ތެރޭގައި ޖެހުނު މައްސަލައިގެ "އެޑްވާންޓޭޖް" އެ ނަގަނީ އެބޭފުޅުން މެދުވެރިކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެން ދެ ލޯ މަރާލާފައި ފަހަތަށް ދޭ. މި ހުރިހާ މައްސަލައެއް މި ދިމާވީ ރައީސް ނަޝީދުގެ ކެންޑިޑެސީއަށް ހުކުމް ކުރީމަ. އެހެން ނޫން ނަމަ އަޅުގަނޑުމެންގެ ޕާޓީ އޮންނާނީ ބަދަހިކޮށް، އެއްކޮށް. ނަމަވެސް ހީލަތްތެރި ރޭވުމެއްގެ ތެރޭގައި އަޅުގަނޑުމެން ޕާޓީ ރޫޅާލުމަށް އެބައި މީހުން މަސައްކަތްކޮށް އަދި އޭގެ "އެޑްވާންޓޭޖް" ނަގަން އެ އުޅެނީ. އަޅުގަނޑު ދަންނަވާނީ އެ "އެޑްވާންޓޭޖް"އެއް އެބޭފުޅުންނަކަށް ނުނެގޭނެ،" ދޮންބިލެތް ވިދާޅުވިއެވެ.
ބޮޑެތި ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޚިޔާލު ތަފާތުވުން އުފެދި، އެ ޕާޓީތައް ދެ ބައި ވުމަކީ ދުނިޔޭގައި މިއަދު އައު ކަމެއް ނޫންކަން ފާހަގަ ކުރައްވަމުން ދޮންބިލަތް ގޮވައިލެއްވީ ހަމަ އެ ބީދައިން އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސްއަށް ބަދަލުވެފައި ތިބި މެންބަރުން ވެސް އަލުން އަނބުރާ އެމްޑީޕީއާ ގުޅުމަށެވެ.
ދޮންބިލަތް ވިދާޅުވީ އެމްޑީޕީ ފިކުރުގެ މެންބަރުންގެ ތެރޭގައި ޖެހިގެން އުޅޭ ޚިޔާލުތަފާތުވުމުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރެއްވޭތޯ މަސައްކަތް ކުރަންޖެހޭ ކަމަށާއި އަދި މިމައްސަލައިގެ ނާޖާއިޒު ފައިދާ ޕީޕީއެމުން ހަމަ ހިލާ ނެގިޔަދީގެން ވެސް ނުވާނެ ކަމަށެވެ.
މި ވަގުތު އެމްޑީޕީގެ އެންމެ ބޮޑު އުއްމީދަކީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކޮށް ވެރިކަމަށް އައުން ކަމަށާއި މިއަދު އެންމެން އަތުގުޅާލައިގެން މަސައްކަތްކުރަންވީ އެ އުއްމީދު ހާސިލްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ކަމަށް ދޮންބިލަތް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރަށްރަށުގައި ތިބި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ވެސް އެނބުރި އެމްޑީޕީއަށް ބަދަލުވާން ފަށައިފި ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެދަދު އެތައް ގުނައަކުން އިތުވެގެންދާނެ ކަމަށެވެ.
"މިއަދު މި ތަނުގައި އަޅުގަނޑުގެ އަންހެނުން ވެސް އެ އިނީ އައިސް. އެއީ ކުރީގަ ޑިމޮކްރެޓްސް ބޭފުޅެއް. އެގޮތަށް މަޑުމަޑުން މަޑުމަޑުން ކޮންމެ ދުވަހަކު ޑިމޮކްރެޓްސް ބޭފުޅުން އަންނަމުން އަންނަމުން ގޮސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާގައި 99 ޕަސެންޓް ޑިމޮކްރެޓްސް ބޭފުޅުން އަޅުގަނޑުމެންނާ އެކީގައި ބަދަލު ވާނެ،" ދޮންބިލަތް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ މުއިއްޒަށް ވެސް އަދި ޕީޕީއެމަށް ވެސް ތިޔަ ހީލަތްތެރި ރޭވުމުގައި ތިޔަ "ގުއި ރޯނުގައި" އަޅުގަނޑުމެން ނުޖެހޭނަމޭ،"
ދޮންބިލެތް ވިދާޅުވީ ޕީޕީއެމްގެ މަކަރާއި ހީލަތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެންބަރުން ނުޖެހޭނެ ކަމަށާއި މިއަދު އެންމެން އެއް ރޫހެއްގައި މި ނިކުންނަނީ އަމާން އަދި އުފާވެރި ރާއްޖެއަކަށް ދިއުމަށް ކަމަށެވެ. އަދި މާތްﷲގެ އިރާދަފުޅުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނީ ފަސް ގޯލުގެ ތަފާތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.