ކޭޓީ ޕެރީގެ ލަވަތައް 225 މިލިއަނަށް ވިއްކާލައިފި

ޕޮޕް މިއުޒިކްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔާ ކޭޓީ ޕެރީގެ މިއުޒިކް ކެޓަލޮގް 225 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އާޓިސްޓުން ތައްޔާރުކޮށްފައިވާ އަލްބަމްތަކާއި ސިންގަލްތައް ވިއްކާލުމަކީ އާ ވާހަކައެއް ނޫނެވެ. އެގޮތުން ބައެއް ބޮޑެތި ލަވަކިޔުންތެރިންގެ އަލްބަމްތައް އެއްކޮށް މީގެ ކުރީން ވެސް ވަނީ ވިއްކާފައެވެ. އޭގެ ތެރޭގައި ޖަސްޓިން ބީބާ ވެސް ހިމެނެއެވެ.

ކޭޓީ ދާދި ފަހުން އޭނާގެ ކެޓަލޮގް ވިއްކާލާފައިވަނީ "ލިޓްމަސް މިއުޒިކް" ކިޔާ ރެކޯޑް ލޭބަލް އަކަށެވެ. ކޭޓީ ވިއްކާލާފައިވަނީ 2008 އިން 2020 އަށް އޭނާ ނެރެފައިވާ ހުރިހާ ލަވައެކެވެ. އޭގެ ތެރޭގައި އޭނާގެ ފަސް އަލްބަމް ހިމެނެއެވެ. އެއީ "ވަން އޮފް ދަ ބޯއިސް" އާއި "ޓީނޭޖް ޑްރީމް" އާއި "ޕްރިޒަމް" އާއި "ވިޓްނެސް" އަދި "ސްމައިލް" އެވެ.

މި މިއުޒިކްތައް ވިއްކާލުމާ އެކު މި އަލްބަމްތައް ޕަބްލިޝް ކުރުމާއި ރޯޔަލްޓީގެ ހައްގުތައް މިހާރު ލިބޭނީ ލިޓްމަސް އަށެވެ. އެގޮތުން މި އަލްބަމް ތަކުން ލިބޭ އެއްވެސް ފައިދާއެއް ދެން ކޭޓީއަކަށް ނުލިބޭނެއެވެ.

އާންމުކޮށް އަމިއްލަ ނަމުގައި މިއުޒިކް ހިމެނޭ ނަމަ އެ މިއުޒިކް ސްޓްރީމް ކުރުމުންނާއި އެހެން ގޮތްގޮތުގައި ބޭނުން ކުރުމުން ކޮންމެވެސް ވަރަކަށް އާޓިސްޓަކަށް އަބަދުވެސް އާމްދަނީ ލިބޭނެއެވެ. މިހާރު އެ އާމްދަނީ އެއްކޮށް ދާނީ ލިޓްމަސް އަށެވެ.

ކޭޓީ މިހާތަނަށް ނެރުނު އެންމެ ބޮޑެތި ހިޓުތަކުން ފެށިގެން އޭނާގެ އެންމެ ފުރަތަމަ ރިލީޒް ކުރި ސިންގަލް ވެސް ކެޓަލޮގް ތެރޭގައި ވިއްކާލާފައިވެއެވެ. އެ ލަވަތަކުގެ ތެރޭގައި ކޭޓީއަށް ބޮޑެތި ޗާޓުތަކުން އެއްވަނަ ހޯދައިދިން ލަވަތައް ވެސް ހިމެނެއެވެ.

އޭނާގެ ކެޓަލޮގް ވިއްކާލުމަށް ނިންމި ސަބަބެއް ކޭޓީ ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް