ޓޫރިސްޓު ރިސޯޓުތަކުގެ ކުލީގެ ތެރެއިން މާފުވެފައިވަނީ ޖޫރިމަނާއަށް އެރި ބައިގެ ތެރެެއިން މިންވަރެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރިސޯޓު ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ހަތަރު ބިލިއަން ރުފިޔާ މާފުވެފައިވާކަމަށް ނޫސް ތަކުން ރިޕޯޓު ކުރުމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އެއްވެސް ރިސޯޓެއްގެ ކުލި މާފުކޮށްދީފައި ނުވާ ކަމަށާއި، އަދި ޖޫރިމަނާ ވެސް އެއްކޮށް މާފުކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް، އެ ފައިސާ މާފުވެފައިވަނީ ކުރިން އާދަޔާޚިލާފަށް ބޮޑުކޮށް އޮތް އެ ޖޫރިމަނާއަށް ގެނައި ބަދަލަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރިސޯޓު ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށްވުރެވެސް ބޮޑަށް. އެއީ އަހަރަކަށް 182 ޕަސެންޓު ގެ ރޭޓުން. ރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ރޭޓެއް ނޫންކަމަށް ނިންމާފައި" އޭނާ ވިދާޅުވިއެވެ.
ބޭންކުތަކުން ނަގާ އިންޓަރެސްޓުގެ ރޭޓު ވެސް އޭގެ 36 ގުނަ ކުޑަކަން އޭނާ ފާހަގަކުރެއްވިއެވެ.
އެއީ، ޓެކްސްގެ ނިޒާމު ތައާރަފު ކުރުމުގެ ކުރީގެ އުސޫލެއް ކަމަށާއި، ޓެކްސް ތައާރަފުކުރުމާއެކު، ޖޫރިމަނާ ރޭޓު ބަދަލުކުރުމަކީ ވިޔަފާރިއަށް ފަހި ކުރުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
އެ ސަބަބާ ހުރެ، ސަރުކާރުން ވަނީ 2019ވަނަ އަހަރު އެ ރޭޓު 18 ޕަސެންޓަށް ކުޑަކޮށްފައެވެ. މިއުވާން ވިދާޅުވީ ރިސޯޓުތަކުގެ ޖޫރިމަނާއިން ކުޑަވީ ރޭޓު ކުޑަކުރުމުން މަދުވި މިންވަރު ކަމަށެވެ.