މާލޭ ސޯސަން މަގުގައި މާރާމާރީއެއް ހިންގައި އެކެއްގެ ބޯ ފަޅައިލައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މި މާރާމާރީ ހިނގީ މިއަދު ހަވީރު 15:30 ހާއިރެވެ.
މި މާރާމާރީ ހިންގީ ސޯސަން މަގުގައި ހުންނަ ވީޓީވީ އޮފީސް ކައިރިއެވެ. މަންޒަރު ދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ދެ މީހަކު ސައިކަލެއްގައި އައިސް އެ ސަރަހައްދުގައި ހުރި މީހަކަށް މަރުތޭލަކުން ހަމަލަދޭން މަސައްކަތްކުރީއެވެ.
ނަމަވެސް އެ މީހާ އޭނާގެ މައްޗަށް ގަދަވެ، ހަމަލަ ދޭން އައި މީހާއަށް ހަމަލަދިނީއެވެ.
މި މާރާމާރީއާ ގުޅިގެން އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން، އެކަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އިތުރަށް މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.