އާންމުން ނިކުމެ، އެކަމަނާއަށް ފުރައްސާ ނުކުރާނެ ކަމަށާއި އަދި މަގުމައްޗަށް ނިކުމެވަޑަައިގަތީ ވެސް އަލަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނާގެ ފިރިކަލުން އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދެވަނަ ބުރުގައި ތާއީދު ހޯއްދެވުމަށް ޓަކައި މިއަދު ހަވީރު ހިޔާ ޓަވަރު ސަރަހައްދަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން ވަނީ އެކަމަނާއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.
މުޒާހަރާގައި ބައިވެރިވި އިދިކޮޅު ފަރާތްތަކުން ފަޒްނާއަށް ފުރައްސާރަ ކުރަމުން ދިޔަ ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓާ އެމަނާ ގެންދެވީ އެތަނުން ބައްދަލުވި އާންމުންނާ ސަލާން ކުރައްވަމުންނެވެ. އަދި އެމަނާ ވަނީ ބައެއް އެޕާޓްމަންޓަކަށް ވަޑައިގެން އެތަންތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު އަހުވާލު ބައްލަވައި ޝަކުވާތައް އަޑު އައްސަވާފައެވެ.
އިދިކޮޅު ސަޕޯޓަރުން މިއަދު ހިންގި މި އަމަލާ ގުޅިގެން ފަޒްނާ ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވީ ދެވަނަ ފޭހަށް މިއަދު ދޮރުން ދޮރަށް ވަޑައިގަތުމުން އެތަނުގައި ތިބި ބޮޑު ދެފިރިހެނުން އެކަމަނާގެ ފަހަތުން ފުރައްސާރަ ކުރަމުން ހިނގި ކަމަށެވެ. އަދި ލިބުނު މައުލޫމާތަށް ބަލާއިރު އެއީ އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރާ ދެމީހުން ކަން އެނގިފައިވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
"އެކަމުގެ އެއް ހެއްކަކީ އަޅުގަނޑާ އެކުހުރި އެމްޕީ ނިޔާޒް ހުޅުމާލެ ކައުންސިލް މެންބަރަށް ގުޅުމުން "އެހެން ހޭ" ތަންކޮޅެއްދެން ހޔތކޑ ދޯއޭ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީ އޭ” ބުނެފަވާތީއެވެ. އެމްޕީ ނިޔާ އިދިކޮޅު ކެންޑިޑޭޓާ ގުޅިއެވެ. ފޯނެއް ނުނަގައެވެ. މެސެޖް ކުރިއެވެ. އަދިއަދައްވެސް ޖަވާބު ނުދެއެވެ،" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ އެ ދެ ފިރިހެނުންނާ ދިއާއަށް އެތަނުގައި ތިބި މީހުން ހަޅެއްލަވަން ފެށުމުން އެމަނާއަށް ކެތްވަންޏާ އެމީހުންނަށް ވެސް ކެތްވާންވާނެ ކަމަށް ބުނެ، އެކަން ހުއްޓުވީ ކަމަށެވެ.
މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އެކަމަނާ އެތަނަށް ވަޑައިގަތް ކަން ވެސް ގިނަ މީހުންނަށް ނޭނގޭނެކަން ފާހަގަ ކުރައްވަމުން ފަޒްނާ ވިދާޅުވީ މި ހުތުރު އަމަލުގެ ސަބަބުން އެމްޑީޕީއަށް ވީ ފައިދާ ކަމަށެވެ.
"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑުމެނަށް ވީ ފައިދާއެވެ. މިހުން އައިސް ސަލާންކޮށް ގައިގަ ފިރުމާ އަޅުގަނޑާ އެކު ފޮޓޯނަގަން އެދުނީއެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނެވެ. މަޣްރިބް ނަމާދަށް ގޮވުމާއި، އެހެން މީޓިންނެއް 6:30 ގަ އޮތުމާއެކު އަޅުގަނޑު މިއަދަށް ނިންމާލީއެވެ. އެހެން ދާއިރާ ތަކުގެ ޑޯޓުޑޯ ނިމުނީމަ އަޅުގަނޑަށް ދައުވަތު ދެއްވި އާއިލަތަކަށް އިރާދަކުރެއްވިއްޔާ އަދި ޒިޔާރާތް ކުރާނަމެވެ" ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވީ އެކަމާ ޖެހިލުން ނުވިޔަސް މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެމަނާގެ ހާލުބަލަން ގުޅައި މެސެޖް ފޮނުވަމުން ގެންދާ ހުރިހާ ފަރާތްތަކަށް ވަނީ ޝުކުރު ދަންނަވާފައެވެ.
"އިރާދަކުރެއްވިއްޔާ ކެންޕޭން ކުރުމުގައި ސާބިތުކަމާއެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން، މާތްﷲ ގެ ތަނަވަސް ރަޙްމަަތްފުޅާ އިރާދަފުޅުން އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ސޯލިހަށް މި އިންތިޚާބު ކާމިޔާބުވާނެއެވެ،" ފަޒްނާ ވިދާޅުވިއެވެ.