ދަރްނާ (17 ސެޕްޓެމްބަރު 2023): މިމަހުގެ 10 ވަނަ ދުވަހު ލީބިޔާގެ އިރުމަތީގެ ފަރުބަދަ މަތީ ސަރަހައްދަށް އެރި ތޫފާން ޑެނިއަލްގެ ސަބަބުން ލީބިޔާއިން މަރުވި މީހުންގެ އަދަދު 21 ހާހަށް އަރާނެކަމަށް އދ.އިން ލަފާކޮށްފިއެވެ.
އދ.ގެ ކޯޑިނޭޝަން އާއި އިންސާނީ ކަންތައްތަކާބެހޭ އޮފީހުން ލިބިޔާއަށް ލިބުނު ގެއްލުންތައް ބެލުމަށްފަހު ނެރެފައިވާ ރިޕޯޓްގައިވާގޮތުން ތޫފާން ޑެނިއަލްގެ ސަބަބުން 11،000 މީހުން މަރުވެ 10،000 މީހުންވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ގިނަބަޔަކުވަނީ މެޑިޓަރޭނިއަން ކަނޑަށް ދަމައިގެންފައިކަމަށާއި އެހެންކަމުން މިކާރިސާއަށް ހަފުތާއެއް ވީއިރު އެމީހުން ނުފެނުމުން އެމީހުން މަރުވެފައިވާކަމަށް ބެލެމުގެ ފުރުސަތު އެބައޮތްކަމަށް މިރިޕޯޓް ބުނެއެވެ.
ތޫފާން ޑެނިއަލްގެ ސަބަބުން ލީބިޔާއިން އެންމެ ބޮޑު ގެއްލުމެއް ލިބުނީ އެގައުމުގެ އިރުމަތީގެ ސިޓީއެއްކަމަށްވާ ދަރްނާއަށެވެ. މަރުވެ އަދި ގެއްލިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތައަކީ ދަރްނާގެ ރައްޔިތުންނެވެ.
މި ތޫފާނުގެ އަސަރު ދަރްނާގެ ކައިރީގައިވާ އެހެން ސިޓީތައްކަމަށްވާ ބެންގާޒީ، އަޖްދާބިޔާ، ސޫސާ، ޝައްޙާތު އަދި ތުބްރުގް އަށްވެސްވަނީ ކޮށްފައެވެ. މިސިޓީތަކުގައި ފެންބޮޑުވިނަމަވެސް މާގިނަ ބަޔަކު މަރުވެފައެއް ނުވެއެވެ. އަދި ގިނަ ބަޔަކު ގެއްލިފައެއްވެސް ނުވެއެވެ.
ދަރްނާއިން މިހާ ގިނަބަޔަކު މަރުވީ އެ ސިޓީ އޮންނަ ތަނުގެ ގޮތުން އެސިޓީގެ ކައިރީގައިވާ ދެ ޑޭމް ފުރިބަންޑުންވެ އަދި ޑޭމް ހަލާކުވުމާއެކު ކުޑަ ކަނޑެއްގެ ފެންގަނޑުވަރުގެ ފެންގަނޑެއް އުފެދި ބާރު އޮޔާއެކުގައި އެސިޓީގެ ބޮޑުބަޔަކަށް އެރުމަށްފަހު 10 ވަރަކަށް މީޓަރުގެ ފުންމިން ހުންނަ އެފެންގަނޑު ވަރަށް ބާރުމިނުގައި މެޑިޓެރޭނިއަން ކަނޑުގެ ތެރެއަށް ދަމައިގަނެގެން ދިޔައިރު، އެ ފެންގަނޑާއެކު އެސިޓީގެ ގިނަ ބަޔަކު މެޑިޓަރޭނިއަން ކަނޑުގެ ތެރެއަށް ދަމައިގަތުމާ ގުޅިގެންނެވެ.
ދަރްނާގެ އައްސޭރިފަށަށްދަނީ މަރުވެފައިވާ މީހުންގެ ހަށިތައް ލައްގަމުންނެވެ. ދަރްނާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި މަރުވެފައިވާ ހަށިތައް ހޯދުމުގައި މިސްރު، ޔޫއޭއީ، އަލްޖަޒާއިރު ފަދަ އަރަބި އެތައް ގައުމަކުންނާއި ތުރުކީ ގެންދަނީ ހަރަކާތްތެރިވަމުންނެވެ.