ރީރެޖިސްޓްރޭޝަން ބާތިލުކޮށް، އަލުން ހުޅުވާލުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަ ދައްކަވަނީ --- ފޮޓޯ: ޕީޕީއެމް

ރީ ރެޖިސްޓްރޭޝަން ބާތިލުކޮށް އަލުން އެ ފުރުސަތު ހުޅުވާލުމަށް އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން މިއަދު ގޮވާލައިފިއެވެ.

ދެވަނަ ބުރަށް ރީ ރެޖިސްޓާ ކުރަން ފުރުސަތު ހުޅުވާލި ދެ ދުވަހުގެ ތެރޭގައި 25،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައި ވުމުން، އެ ފޯމުތަކުގެ ސައްޙަ ކަމާމެދު އިދިކޮޅު ކޯލިޝަނުން ވަނީ ސުވާލު އުފައްދައިފައެވެ. އަދި ގިނަ ބަޔަކަށް ނޭނގި އެ މީހުން ވޯޓްލާ ފޮށި ބަދަލުވަމުން އަންނަ ކަމުގެ ޝަކުވާ ވެސް އިދިކޮޅުން ދަނީ ކުރަމުންނެވެ.

ކެމްޕެއިން ދަތުރުގެ ތެރެއިން ހދ. ނޭކުރެންދޫގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ މީހަކު ވޯޓުލާން ބޭނުންވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓްރީ ކުރަމުން އަންނަ ކަމަށާއި އެއީ އެ ކޯލިޝަންގެ ކަންބޮޑުވުމެއް ކަމަށެވެ.

"ނުބައި ތަނަކަށް ރެޖިސްޓާ ވެފަ ހުރުމަކީ ހަމައެކަނި އަޅުގަނޑުމެންނެއް ނޫން އިލެކްޝަންސް ކޮމިޝަންގެ ވެސް ކަނބޮޑުވުމެއް. ޚާއްސަކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް އެބަ އޮތް. ފުއާދު ތައުފީގު ވިދާޅުވީ ތިބޭފުޅުންނަށް ކުރެވެން އޮތް ކަމެއް ކުރައްވާށޭ އަޅުގަނޑު މިދަނީ އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންނޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރަށް އަދުރޭ ވަނީ ރީ ރެޖިސްޓާ ކުރުމުން ލިބޭ ސްލިޕް ކޮޅު ހިފައިގެން ވޯޓްލާން ދިއުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި އެ ސްލިޕް ކޮޅުގައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓާ ވެފައި ވާ ނަމަ ވޯޓުލުން ހުއްޓާލައި އިހްތިޖާޖު ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

މީގެއިތުރުން އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ބޭނުންވަނީ ތެދުވެރި އިޚްލާސްތެރި، ގައުމަށް މިނިވަންކަމާއި އަމާންކަން ގެނެސް ދޭ ވެރިއެއްކަމަށެވެ. އެކަން މި އިންތިޚާބުގެ ފުރަތަމަ ބުރުންވެސް ވަރަށް ބޮޑަށް ސާފުވެއްޖެ ކަމަށާއި ދެވަނަ ބުރުގައިވެސް އިންތިޚާބު ވަގަށް ނެގުމުގެ ފުރުސަތު ނުދޭނެ އޭނާ ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވަނީ ރައްޔިތުންގެ ހައްގުތަކަށް އެރުމުން އެއްކިބާ ވުމަށް އިލެކްޝަންްސް ކޮމިޝަނަށް ގޮވާލާފައެވެ. އޭނާ ވަނީ އެ ކޮމިޝަނަށް ގާނޫނު އަސާސީން މަތި ކުރެވިފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒަށް ކިޔަމަންނުވުމަށް ގޮވާލައިފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު އޮންނަ އިރު، މި އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ މިހާރު ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

comment ކޮމެންޓް