ބޭސް ފަރުވާ ކުރަން ދިން އިތުރު މުއްދަތު ވެސް ހަމަވުމާ އެކު އަނެއްކާ ވެސް އިތުރު މުއްދަތު ދިނުމަށް ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
ބޭސް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގަންނަވަން އަދީބަށް ފުރަތަމަ ދިނީ 10 ދުވަހެވެ. އެކަމަކު، ފަހުން އެ މުއްދަތު އިތުރު ކުރީއެވެ. އަދި، ދެވަނަ ފަހަރަށް އިތުރު ކުރި މުއްދަތު އޯގަސްޓު 28އަށް ހަމަވުމުން، ސެޕްޓެމްބަރު 15ގެ ނިޔަލަށް އެ މުއްދަތު އިތުރު ކޮށްދޭން ކަރެކްޝަންސްއިން ނިންމީއެވެ.
އެ މުއްދަތު ވެސް މިހާރު ހަމަވެފައިވާއިރު، ހަތަރުވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް އެދި ހުށަހަޅައިފައިވާ ކަމަށް "ސަން"އަށް މައުލޫމާތު ދެމުުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން ވަނީ ވިދާޅުވެފައެވެެ.
އެގޮތުން އެ ހުށަހެޅުމާ މެދު ވެސް ވަރަށް އަވަހަަށް ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބު ބޭސްފަރުވާއަށް ވަޑައިގަތީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން، ފުލުހުންގެ ސެކިއުރިޓީއާ އެކުގައެވެ.
އޭނާގެ ޕާޓީ، އެމްޓީޑީން ބުނި ގޮތުގައި އަދީބު ނާރުގެ ބައްޔަކަށް ފަރުވާ ހޯދަން ޖެހުނީ 2015 ވަނަ އަހަރުން ފެށިގެން އޭނާ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރު އެކަށިގެންވާ ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުލިބުމުންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ. އެކަމަކު، އެ ހުކުމް އިއްވިއިރު ވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމާ އެކު ބަލި ހާލާތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ހުންނެވީ ގޭ ބަންދުގައެވެ.