ނިޒާމީ ވޯޓަކަށް ދިޔުން ކަމަކު ނުދޭ: ގާސިމް

ގާސިމް އިބްރާހީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު އިޚްތިޔާރު ކުރުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ "ކަމުދާ ކަމެއް ނޫން" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

ނިޒާމީ ވޯޓު ނެގުމުގެ ވާހަކަ ދެކެވޭ އިރު، ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މިދިޔަ ބުދަ ދުވަހު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. އެ ގަރާރާ މެދު އަދި ވަކިގޮތެއް ނުނިންމައެވެ.

https://sun.mv/182028

ޖުމްހޫރީ ޕާޓީގެ މައި އިދާރާ، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ގާސިމް ވިދާޅުވީ ނިޒާމީ ވޯޓެއް ނަގައިގެން ގައުމުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ވޯޓެއް ނެގުމުން މިހާރު ގައުމު އޮތް ހާލަތަށް ވުރެ މާ "ނުބައިވާނެ" ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ ވޯޓެއް ނަގައިގެން އެއީ ރައްޔިތުންނަށް ފައިދާ ވާނެ ގޮތެއް ނޫން. ބަރުލަމާނީ ނިޒާމެއް ގެނެސްފި ނަމަ މިހާރަށްވުރެ މާ ނުބައި ވާނެ. ރައްޔިތުން މާ ނިކަމެތިވާނެ،" ގާސިމް ވިދާޅުވިއެވެ.

ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަނޑައެޅީ 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓަކަށް ފަހުއެވެ. އޭރުގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ގިނަ މީހުން ވޯޓު ދީފައިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމެއްގެ ގޮތުގައި ބާއްވާށެވެ.

އެ ވޯޓު ނެގި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ތާއިދު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ.

ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާ ދެމެދު މައްސަލަ އުފެދި، ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އެމްޑީޕީގެ ތެރެއިން ވަކިވި މައިގަނޑު ސަބަބަކީ ނިޒާމު ބަދަލުކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުންތަކެވެ.

comment ކޮމެންޓް