ރެއާލް މެޑްރިޑުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބިލިންހަމްއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ލެޖެންޑް ލުއިސް ފީގޯ ބުނެފިއެވެ.
މިސީޒަނުގައި 103 މިލިއަން ޔޫރޯއަށް ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލާ ގުޅުމަށްފަހު، ބެލިންހަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ ރެއާލަށް ކުޅުނު ފުރަތަމަ ހަތަރު ލީގު މެޗުން ފަސް ގޯލު ކާމިޔާބުކޮށްފައެވެ. ބެލިންހަމްއަށް ތައުރީފުކޮށް، ފީގޯ ވެސް ވަނީ ވާހަކަދައްކައިފައެވެ.
"އޭނާ ވަރަށް އަވަހަށް ރެއާލަށް އެވަނީ ހޭނިފައި. ޝައްކެއް ވެސް ނެތް ގޮތުގައި ބެލިންހަމް ހިމެނެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެެރިންގެ ތެރޭގައި. އެހާ ޒުވާން އުމުރުގައި ވެސް އޭނާގެ ހުނަރުތައް ތަފާތު،" ގޮލްފް ޗެރިޓީ އިވެންޓެއްގައި ވާހަކަދައްކަމުން ފީގޯ ބުންޏެވެ.
މިސީޒަނުގައި ރެއާލަށް ބެލިންހަމްގެ ފަރާތުން ގިނަ ގޯލުތަކެއް ފެންނާނެ ކަމަށް ފީގޯ ގަބޫލުކުރެއެވެ. މިސީޒަނުގައި ބެލިހަމް 20 ވަރަކަށް ގޯލު ޖަހާނެ ކަމަށް ފީގޯ ބުންޏެވެ.
އުމުރުން 20 އަހަރުގެ ބެލިންހަމްގެ ހުނަރުތަކަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ވާހަކަދައްކަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ކެރިއަރު ނިންމާލާނީ ރެއާލްގެ ލެޖެންޑެއްގެ ގޮތުގައެވެ.