ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ އެންމެހާ އިންތިޒާމްތައް ފުރިހަމަ ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީން ފުރަތަމަ ބުރުގައި ވޯޓު ލެވޭނެ ކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް އެ އިންތިޒާމް ހަމަޖެހިގެން ނުދިޔަކަމަށެވެ.
އެހެންނަމަވެސް ދެވަނަ ބުރުގައި ވޯޓު ލުމުގެ އެންމެހާ އިންތިޒާމްތައް މިހާރު ފުރިހަމަ ކުރައްވާފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި މަނީލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ޔާމީން ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އާއި ޖޫރިމަނާ ދައްކަވާފައި ނުވާތީ އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ނިންމުމަށް ތާއިދުކޮށްފައެވެ.
އެއާއެކު އިދިކޮޅު ކޯލިޝަނުން ވަނީ ދެވަނަ ޗޮއިސް އެއްގެ ގޮތުގައި، އެ ކޯލިޝަނުން ބޭއްވި އެތެރޭގެ އިންތިޚާބެއްގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް ޓިކެޓް އަރުވާފައެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު ވަނީ 46 ޕަސެންޓު ވޯޓާ އެކު ދެވަނަ ބުރަކަށް ގޮސްފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 39 ޕަސެންޓު ވޯޓެވެ.