ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރި ކުރުމަށް ޒުވާނުން މަސައްކަތްކުރުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ގޮވާލައްވައިފިއެވެ.
ސިޔާމް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްޞަ ހިޠާބުގައެވެ. އެމަނިކުފާނު ވިދާޅުވީ ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްކޮށް ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވައި، އިސްލާމީ ވަޙްދަތު ޤާއިމުކުރައްވައި ވަރުގަދަ އިޤްތިޞާދެއް ބިނާކުރެއްވީ ބޮޑުތަކުރުފާނާއި، އެތަކުރުފާނާއެކު މަސައްކަތް ކުރެއްވި އެންމެހާ ބަތަލުން ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމަށް މަސައްކަތްކުރެއްވި އެންމެހައި އަބްޠާލުން ކުރެއްވި ލާމަސީ މަސައްކަތަކީ މިއަދު ކޮންމެ ފަރުދަކު ވިސްނައި، ފިކުރުކޮށް އެއިން ޢިބުރަތް ހާސިލް ކުރަންޖެހޭ މުހިންމު ކަމެއްކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެދުވަހު ބޮޑުތަކުރުފާނާއި، އެތަކުރުފާނުގެ ބައިވެރިން އެމަސަކަތް ނުކުރެއްވިނަމަ، މިއަދު މިލޮބުވެތި ވަޠަން އޮންނާނެގޮތް ތަޞައްވަރުކޮށްލަން ވެސް ދަތި،" ސިޔާމް ވިދާޅުވިއެވެ.
އެހެންކަމުން މިގައުމުގެ މިނިވަންކަމާއި، އިސްތިގުލާލު ރައްކާތެރިކޮށް ވަށާޖެހޭ އިޤުތިޞާދެއް ބިނާކުރުމަށް ޤައުމުގެ ހުރިހާ ޒުވާނުން އަތުކުރިއޮޅާލައި، އާހިތްވަރަކާއި، ނުގުޑާފަދަ ޢަޒުމެއްގައި ކެރިގެން މަސައްކަތްކުރުމަށް ސިޔާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.