ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ވެސް ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސް ވިދާޅުވީ، ގައުމީ ދުވަހުގެ ހަނދާންތައް ގުޅިފައި ވަނީ ދިވެހި އުންމަތުގެ ހައްގުގައި އުތީމު ތިން ބެއިންނާއި ދެ ހާޖީންނާއި ދަންޑެހެލު، ކުރެއްވި ހިތްވަރުގަދަ ގައުމީ ޖިހާދާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހިންގެ ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގެ ދިފާޢުގައި އެ ބަޠަލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހިންގެ ގައުމީ ވަހުދަތަކީ ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތްކަން ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތުގެ ކުރިބޯއްޓަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ސުލްހަ މަސަލަސްކަން ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ގައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން." ރައީސްގެ ޚިޠާބުގައި ވެއެވެ.
މިއަދު ވެސް ދިވެހިން ތިބީ އެ އަޒުމުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަޞްލަހަތެއް ނެތް ކަމަށެވެ.
"ބައިނަލްއަގުވާމީ މުޖުތަމަޢުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައި. ސިޔާސީ އަދި އިގްތިޞާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މިއަދުވެސް ދިވެހި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ އުތީމު މަހާރަދުންގެ ހިތްވަރާއި ފަންވަރުން ދިވެހިންނަށް ހޯއްދަވައިދެއްވި ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުން ކަމަށެވެ.