ބިދޭސީންނަށް ހަމަލާ ދޭން އުޅޭ ވާހަކަ ފުލުހުން ދޮގު ކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި އުޅޭ ބިދޭސީންނާއި ސަރުކާރުގެ ބައެއް އިސްވެރިންނަށް ހަމަލާ ދޭން ސަރުކާރު އަޑީގައި އޮވެގެން ރާވަމުންދާ ކަމަށް ބުނެ، އޮންލައިން ނޫހެއްގައި ޖެހި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

މި ޚަބަރު ދޮގު ކުރަމުން ފުލުހުން ބުނިގޮތުގައި ސަރުކާރުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް ޓާގެޓް ކޮށްގެން ހަމަލާދީނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައެއް ނުވެއެވެ.

އޭގެ އިތުރުން މިމައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއް ކަމަށް ބުރަވެވޭ ފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

"އަދި މި މައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވޭ. އެހެންކަމުން މިމައުލޫމާތު ފެތުރި ގޮތާއި ސަލާމަތީ ޚިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މިބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ވެސް އަންގާފައެވެ.

comment ކޮމެންޓް