ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުކުރި، ސޯޝަލް ސާވިސަސް އާއި ސޯޝަލް ހެލްތު ދާއިރާގެ މުވައްޒަފުންނަށް ވެސް ބަންދު ދުވަސްތަކުގައި ހާޒިރީ އެލަވަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެގޮތަށް ހަމަޖެއްސެވީ ސިއްހީ ފަންނުވެރިންގެ ފަރާތުން ހުށަހަޅާފައިވާ ކަންބޮޑުވުންތައް ދިރާސާކުރެއްވުމަށް ފަހު ކަމަށެވެ.
އެގޮތުން އެ ދެ ދާއިރާގެ މުވައްޒަފުންގެ ތެރެއިން ޑިއުޓީ އުސޫލުންނާއި، ޑިއުޓީން ބޭރުން ބަންދު ދުވަސްތަކުގައި އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ވެސް ހާޒިރީ އެލަވަންސް ދިނުމަށް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސް ރޭ ވެސް ވަނީ އާ ފްރޭމްވޯކާ ގުޅިގެން ސިއްހީ އަދި ތައުލީމީ ބައެއް މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށްދެއްވާފައެވެ.
އެގޮތުން، ޑޮކްޓަރުންނާއި، ނަރުހުންނަށް ވެސް ބަންދު ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދިނުމަށް ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، އެ އޮނިގަނޑާ ގުޅިގެން، ތަޖުރިބާއަށް ބަލައި މަގާމު ދަށްވި ނަރުހުންނަށް އިތުރަށް ކިޔެވުމަށް މުއްދަތެއްދީ، ޝަރުތުކުރުމަށް ފަހު މަގާމު ދެމެހެއްޓުމަށް ނިންމަވާފައިވެއެވެ.
އެގޮތަށް 2018ވަނަ އަހަރު ކިޔެވުމަށް ގްރޭސް ޕީރިއަޑު ދީފައިވާ ނަރުހުންނަށް އެ މުއްދަތު 2026އަށް ވަނީ އިތުރުކޮށްދީފައެވެ.
އާފްރޭމްވޯކަށް ބަދަލުކުރުމުގައި މައްސަލަ ދިމާވި ނުވަ ނަރުހެއްގެ މައްސަލަ ވެސް ރޭ ހައްލުކުރައްވާފައިވެއެވެ.
އަދި، ހުރިހާ ނޮން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ވެސް ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން މިއުވާން ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުގައި، ވަޒީފާއިން ވަކިވާ އިރު އިނާޔަތް ލިބޭ އުސޫލާ މެދު ލިބުނު ކަންބޮޑުވުންތަކަކާ ގުޅިގެން، އެ އުސޫލު ވެސް ބަދަލުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މަގާމުން ވަކިވާ ނަމަ އިނާޔަތް އިޚުތިޔާރު ކުރެވޭނެ ކަމަށް ދީފައިވާ 18 މަސްދުވަހުގެ މުއްދަތު، އަންނަ އަހަރުގެ ޖެނުއަރީއަށް ވަނީ ދަންމާލާފައެވެ.