ވޮޝިންޓަން (14 ސެޕްޓެމްބަރު 2023): އެމެރިކާއިން އަލަށް ޔުކްރެއިންއަށް ފޮނުވާ ދުރު ރާސްތާ މިސައިލްތަކަކީ ކްލަސްޓަރ ބޮމުގެ ހަމަލާތައް ދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކެއް ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން)ގެ މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.
ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ މީޑިއާ ބުނާގޮތުން ކްލަސްޓަރ ބޮމުގެ ހަމަލާތައް ދެވޭ ރޮކެޓާއި ދުރު ރާސްތާގެ މިސައިލްތައް ރަޝިއާ ސިފައިންނާ ދެކޮޅަށް ބޭނުންކުރެވިއްޖެނަމަ ޔުކްރެއިންގައި ފައިހަރުކޮށްލައިގެންތިބޭ ރަޝިއާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެވި އެމީހުންގެ ދިފާއީ ލައިންތައް ފޫއަޅުވާލައި އެމީހުން ފަހަތަށް ޖައްސާލުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާއިން ޔުކްރެއިންއަށް ފޮނުވަން މަސައްކަތް ކުރަމުން ގެންދަނީ ޓެކްޓިކަލް މިސައިލްތަކެކެވެ. ސްޓްރެޓީޖިކް މިސައިލްތަކެއް ނޫނެވެ. އެމެރިކާ ޔުކްރެއިންއަށް ދޭނެކަމަށް ބުނެފައިވަނީ "އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް" (އޭ.ޓީ.އޭ.ސީ.އެމް.އެސް)ގެ މިސައިލާއި "ގައިޑެޑް މަލްޓިޕްލް ލޯންޗް ރޮކެޓް ސިސްޓަމް" (ޖީ.އެމް.އެލް.އާރް.އެސް)ގެ މިސައިލްއެވެ.
މީގެތެރެއިން "އޭ.ޓީ.އޭ.ސީ.އެމް.އެސް" މިސައިލްއަކީ 306 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްތަކެކެވެ. "ޖީ.އެމް.އެލް.އާރް.އެސް"ގެ މިސައިލްއަކީ 72 ކިލޯމީޓަރުގެ ރާސްތާގެ މިސައިލްއެވެ. މި ދެބާވަތުގެ މިސައިލްއަކީވެސް އެތައް ސަތޭކަ ކްލަސްޓަރ ބޮން އޭގެ އެތެރޭގައި ހަރުކުރެވޭގޮތަށް ހުންނަ މިސައިލްތަކެކެވެ.
ކްލަސްޓަރ ބޮމަކީ ހަނގުރާމައިގެ މައިދާނުގައި ބޭނުން ކުރުން ބައިނަލްއަގްވާމީ ގޮތުން މަނާކޮށްފައިވާ ވަރަށް ނުރައްކާތެރި ހަތިޔާރެކެވެ. އެއީ އިންސާނުންނާއި ޖަނަވާރުން ފަނާކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ބޮމެކެވެ. އެމެރިކާވަނީ މިބާވަތުގެ ނުރައްކާތެރި ހަތިޔާރު އިރާގާއި އަފްޣާނިސްތާނުގައި ބޭނުންކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބޭނުންކުރުމަށް އިސްރާއީލަށް ކްލަސްޓާ ބޮން ފޯރުކޮށްދޭ ގައުމަކީވެސް އެމެރިކާއެވެ.
އެމެރިކާ ދީފައިވާ ކްލަސްޓާ ބޮން ޔުކްރެއިނުން މިހާރުވެސް ރަޝިއާ ސިފައިންނާ ދެކޮޅަށް ބޭނުންކުރެއެވެ. ނަމަވެސް ރަޝިއާ ސިފައިން ފަހަތަށް ޖައްސާލުމުގައާއި ޔުކްރެއިންގައި ރަޝިއާ ގާއިމްކޮށްފައިވާ ދިފާއީ ލައިންތައް ފޫއަޅުވާލުމުގައި ޔުކްރެއިން ސިފައިންނަށް މާބޮޑު ކާމިޔާބެއް ނުލިބެއެވެ.
އެމެރިކާއިން ދޭ ކްލަސްޓާ ބޮން ޔުކްރެއިން ރަޝިއާ އާ ދެކޮޅަށް ބޭނުންކުރާތީ ރަޝިއާވެސް ގެންދަނީ ޔުކްރެއިން ސިފައިންނާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކުރަމުންނެވެ. ރަޝިއާގައި އުފައްދާ ކްލަސްޓާ ބޮމަކީ އެމެރިކާގައި އުފައްދާ މިބާވަތުގެ ބޮމަށްވުރެ އެތައް ގުނައެއް ބާރުގަދަ ބޮންތަކެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ޔުކްރެއިނުން އެމެރިކާގެ ކްލަސްޓާ ބޮން ރަޝިއާ ސިފައިންނާ ދެކޮޅަށް ބޭނުންކުރާ ވަރަކަށް އޭގެ ރައްދުގައި ރަޝިއާއިން ޔުކްރެއިން ސިފައިންނާ ދެކޮޅަށް ކްލަސްޓާ ބޮން ބޭނުންކުރާމިންވަރު ރަޝިއާވެސް އިތުުރުކުރާނެކަމުގެ އިންޒާރު ރަޝިއާގެ އަސްކަރީ މަސްއޫލުވެރިން ވަނީ ދެއްވާފައެވެ.
ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފަށާފައިވާ ހަނގުރާމައަށް ދޮޅު އަހަރު ވެފައިވާއިރު ރަޝިޔާ ސިފައިން ވަނީ ޔޫކްރެއިންގެ ބޮޑު ތިން ސަރަޙައްދެއް ހިފައި ޔުކްރެއިންގެ އަސްކަރީ އިންފްރާސްޓަރަކްޗަރގެ ބޮޑު ބައެއް ހަލާކުކޮށްލާފައެވެ. އޭގެކުރިން ރަޝިއާ ވަނީ ޔުކްރެއިންގެ ކޮންޓްރޯލް އޮތް ކްރައިމިޔާވެސް ހިފާފައެވެ.
ކްރައިމިޔާ ހިމެނޭގޮތަށް މި ހަތަރު ސަރަހައްދަކީ ގާތްގަނޑަކަށް ޔުކްރެއިންގެ ބިމުގެ ބާވީސް އިންސައްތައެވެ. މި ބިންތަކުން ރަޝިއާ ސިފައިން ފަހަތަށް ޖައްސާލުމަށް މީގެ ހަތަރު މަސްކުރިން ނޭޓޯގެ އެހީއާއެކު ޔުކްރެއިން ފެށި ކައުންޓާ އެޓޭކުން ރަޝިއާ ސިފައިން ފަހަތަށް ޖައްސާލުމުގައި ޔުކްރެއިންއަށް ކާމިޔާބު ލިބިފައެއް ނުވެއެވެ.