ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި އަނިޔާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ފެނިފައިނުވާ ކަމަށް އެމްޑީއޭގެ ކައުންސިލް މެންބަރު އަދި އެސްޓީއޯގެ ކުރީގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަމުން ސާލިމް ވިދާޅުވީ ނިމިގެން މިދާ ފަސް އަހަރަކީ ތަފާތު ދައުރެއް ކަމަށާއި މި ވެރިކަމުގެ ތަފާތު، ކޮންމެ މީހަކަށް ވެސް ފާހަގަވާނެ ކަމަށެވެ.
"އަނިޔާވެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ނެތް. ތައުލީމް ކުރިއަރައިގެން ދިޔައީ އަޅުގަނޑުމެންގެ މައިންބަފައިން ހިނިތުންވެ އުފަލުން ހެވޭ މިންވަރަށް. އުފަލުން ރޮވޭ މިންވަރަށް," ސާލިމް ވިދާޅުވިއެވެ.
ވޭތުވެ ދިޔަ ފަސް އަހަރުގައި ރަށްތަކަށް ދިރުން އައިސްފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, މީގެ ކުރިން ދުވަހަކު ވެސް ފެނިފައިނުވާ ވަރުގެ އުފާވެރި މަންޒަރުތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ ދަތި އުނދަގޫ ދުވަސްތަކުގައި ކެތްތެރިކަމާ އެކު ގައުމަށް ގެނައި ހަމަޖެހުން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދިވެހިންގެ ހިތުގައި އޭތި އަށަގަންނަން ޖެހޭ ކަމެއް އެއީ. ހަނދާން ނައްތާލައިގެން ނުވާނެ," ސާލިމް ވިދާޅުވިއެވެ.
ހަނދާން ކޮށްދިނުމަކީ އިންސާނުންނަށް ރަނގަޅު ވިސްނުން އަންނާނެ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ, ފަސް އަހަރު ފަހަތަށް ޖެހިލައި ކަންހިނގާފައިވާ ގޮތް ކޮންމެ މީހަކު ވެސް ބަލައިލުން މުހިންމު ކަމަށެވެ.
"މީގެން އަޅުގަނޑުމެން އިބުރަތް ހާސިލް ކުރަން ޖެހޭ. ނިމިގެންް މި ދިޔައީ ވަރަށް ފަސޭހަކަމާ އެކީ އެއޮތް ދަތި ދަނޑިވަޅުން އަރައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ލޭންޑްސްކޭޕަށް އައި ބަދަލާ ދޭތެރޭ ވިސްނާލަން ޖެހޭ," ސާލިމް ވިދާޅުވިއެވެ.
ކޮވިޑުން އަރައިގަތުމުގައި ރާއްޖެއިން އަމަލުކޮށްފައިވާ ގޮތަކީ ދުނިޔެ ވެސް އަޖައިބު ކުރުވާ ކަމެއް ކަމަށް ސާލިމް ވިދާޅުވިއެވެ.