އިންޑިއާގެ ކެރަލާގައި ނިޕާ ވައިރަސް އިންފެކްޝަން ޖެހިގެން ދެ މީހަކު މަރުވުމާ ގުޅިގެން އެ ސްޓޭޓުގެ ބައެއް އަވަށްތަކުގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށްފިއެވެ.
ކެރަލާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، އެ ސްޓޭޓުން ކުޑަކުއްޖަކާއި މީހަކަށް ނިޕާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެ އިންފެކްޝަނަށް 130އަށް ވުރެ ގިނަ މީހުން މިހާތަނަށް ޓެސްޓުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކެރަލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ވިދާޅުވީ ބަލި ޖެހިފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި، އަލާމަތްތައް ފެންނަ މީހުން އެކަހެރި ކުރުމުގެ މަސައްކަތް މިހާރު ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށެވެ. އަދި ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ބައެއް ސަރަހައްދުތައް ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކެރަލާގައި ނިޕާ ވައިރަސް ޖެހިގެން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ މީހަކު މަރުވެފައިވެއެވެ. އެ ދެ މީހުން ވެސް މަރުވެފައި ވަނީ އެ ސްޓޭޓުގެ ކޮރިކޮޑް ޑިސްޓްރިކްޓުންނެވެ.
ނިޕާ ވައިރަސް އިންފެކްޝަނަކީ، އެ އިންފެކްޝަން ޖެހިފައިވާ ވާލާއި އޫރުން އިންސާނުންނަށް ފެތުރޭ އިންފެކްޝަނެކެވެ. އަދި ބަލިޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ މީހުންނަށް ވެސް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ. އެ ބަލިން ސަލާމަތްވުމަށް ޓަކައި އިންފެކްޝަން ފެތުރިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ވާލާއި އޫރުން ދުރުހެލިވުން މުހިންމު ކަމަށް ހެލްތު އޮފިޝަލުން ބުނެއެވެ.
އެ އިންފެކްޝަނުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ނޭވާލުމަށް އުނދަގޫވުން ހިމެނެއެވެ.
އެ ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނުވަތަ ބޭހެއް ނޯވެއެވެ. އެ ބަލިޖެހުމުން ފަރުވާ ދެނީ ބަލީގެ އަލާމާތްތަކަށެވެ.