އިންޑިއާ ހައިކޮމިޝަނާ ގުޅުވާ ނުވަތަ އިންޑިއާ ސިފައިންނާ ގުޅުވާ ދޮގު ޚަބަރު ފަތުރާ މީހުނާ މެދު ފިޔަވަޅު އެޅުމަށް އިންޑިއާ ހައި ކޮމިޝަނުން އެދިއްޖެއެވެ.
ހައި ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ފަތުރާ ދޮގު ޚަބަރުތައް އެ ކޮމިޝަނުން ބަލައި ނުގަންނަ ކަމަށެވެ. އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީންނާއި މީޑިއާ ކައުންސިލުން ދޮގު ޚަބަރު ފަތުރާ މީހުންނާމެދު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް އެދިފައި ވެއެވެ.
މީގެ އިތުރުން އެ ޓްވީޓުގައި ވަނީ، ރަނގަޅު ތެދު ޚަބަރު ލިޔުމަށް އެ މީޑިއާތަކަށް ނަސޭހަތްތެރި ވުމަށް ވެސް އެދެފައެވެ.
އިންޑިއާ ހައިކޮމިޝަނުން ވަނީ ރާއްޖޭގެ މީޑިއާއަކުން ލިޔެފައި ވާ ދޮގު ޚަބަރު ތަކެއްގެ ސްކްރީން ޝޮޓްތައް ޓްވިޓާގައި ހިއްސާކޮށްފައެވެ. އެގޮތުން ވިސާ ހޯދަން އިންޑިއާ އެމްބަސީއަށް ދާމީހުން ވޯޓު ލަނީ ކާކަށްތޯ އޮޅުން ފިލުވާ ވާހަކައާއި އެމްއެންޑީއެފް އަދި އިންޑިއާ ހައި ކޮމިޝަނުން ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާކަމަށް ދެކެވޭ ވާހަކަތަކުގެ އިތުރުން ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން ރައްޔިތުން ގާތުން ވޯޓު ދޭ މީހެއް އޮޅުންފިލުވަން މަސައްކަތް ކުރާކަމަށް ބުނެ ލިޔެފައިވާ ޚަބަރުތައް އެ ކޮމިޝަނުން ވަނީ ދޮގުކޮށްފައެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ވޭތުވެ ދިޔަ ފަސް އަހަރު އިތުރު ވެފައި ވާއިރު ރާއްޖޭގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން އުޅޭކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ވެސް އިދިކޮޅު ޕީޕީއެމްއިން ވަނީ ފަށާފައެވެ.
މީގެ އިތުރުން، ވެރިކަމަށް އާދެވިއްޖެ ނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމަށް ވެސް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ގިނަ ކެންޑިޑޭޓުން ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ނަމަވެސް އިދިކޮޅުން ކުރާ އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.