ޗައިނާއާއި ރަޝިއާއާ ދެމެދު ސްޓްރެޓީޖިކް ލެވެލްގައި ގުޅުންތައް ބަދަހިވާތީ އެމެރިކާ ކަންބޮޑުވޭ: ޕޫޓިން

ޕޫޓިން އިގްތިސާދީ ފޯރަމްގައި

ވްލަދިވިސްޓޮކް (13 ސެޕްޓެމްބަރު 2023): އެމެރިކާ ނުރުހުނަސް ޗައިނާއާއި ރަޝިއާއާ ދެމެދު ސްޓްރެޓީޖިކް ލެވެލްގައި ގުޅުންތައް ބަދަހިވެ އިތުބާރު އުފެދެމުންދަނީ މީގެކުރިން ދެކެފައިނުވާ މިންވަރަކަށް ކަމަށް ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ވްލަދިވިސްޓޮކްގައި ކުރިއަށްދާ އިގްތިސާދީ ފޯރަމްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ ބަލިވެއްޖެނަމަ އެމެރިކާއާއި ނޭޓޯގެ އަމާޒަކަށް ދެންވާނީ ޗައިނާކަން ޗައިނާއަށް އެނގޭކަމަށާއި އެހާލަތަށް ދާން ޗައިނާ ބޭނުންނުވާނެ ކަމުގައެވެ. ޗައިނާ އޮންނަނީ ޔުކްރެއިން ހަނގުރާމައިގާ ވަކިއަތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައެވެ.

ނަމަވެސް ޔުކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް ޗައިނާވަނީ ދެކޮޅު ހަދާފައެވެ. ޗައިނާ ރަޝިއާއަށް އަސްކަރީ ގޮތުން އެހީތެރިނުވިނަމަވެސް ޗައިނާ ގެންދަނީ އިގްތިސާދީ ގޮތުން ރަޝިއާއަށް އެހީތެރިވަމުންނެވެ. މީގެތެރޭގައި ޑޮލަރާނުލައި ރަޝިއާއާއި ޗައިނާގެ ފައިސާ ބޭނުންކޮށްގެން ރަޝިއާއާއެކު އިގްތިސާދީ މުއާމަލާތްތައް ކުރުމާއި ރަޝިއާގެ ތެލާއި ގޭސް ގަންނަ މިންވަރު އާދަޔާ ޚިލާފަށް އިތުރުކުރުން ހިމެނެއެވެ.

މިކަމުގެ ސަބަބުން ރަޝިއާގެ އިގްތިސާދު ހީނަރުވުމުގެ ބަދަލުގައި ވަނީ އިތުރަށް ކުރިއަރާގޮތްވެފައެވެ. އަދި މިކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ރަޝިއާއަށް ކުރަނީ ވަރަށް ކުޑަ މިންވަރަކަށެވެ.

އަނެއްކޮޅުން ޔޫރަޕަށް ވަނީ ރަޝިއާ އިން ސީދާގޮތެއްގައި ތެލާއި ގޭސް ނުގަނެ އޭގެބަދަލުގައި ތިންވަނަ ފަރާތްތައް މެދުވެރިކޮށް އަގި ބޮޑުކޮށް ރަޝިއާގެ ތެލާއި ގޭސް ގަންނަން ޖެހިފައެވެ. ނަތީޖާއަކީ ދަތިކުރުމުގެ ފިޔަވަޅުތަކުން ރަޝިއާއަށް ކުރާ ނޭދެވޭ އަސަރުތަކަށްވުރެ މާބޮޑެތި އަސަރުތަކެއް އެފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕަށް ކުރަން ފެށުމެވެ.

ވްލަދިވިސްޓޮކްގައި ކުރިއަށްދާ އިގްތިސާދީ ފޯރަމްގައި ޕޫޓިން ދެއްކެވި ވާހަކަފުޅުގައި ޔުކްރެއިން ހަނގުރާމައަށްވެސް އަލިއަޅުއްވާލެއްވިއެވެ. ޕޫޓިން ވިދާޅުވިގޮތުގައި ޔުކްރައިންއަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދިނުމަކީ ތާއަބަދު އެމެރިކާއާއި ޔޫރަޕަށް ކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ޔުކްރެއިންގެ ސިފައިން ވަރުބަލިވެ ޔުކްރެއިނަށް ހުޅަނގުން ލިބޭ ހަތިޔާރުގެ ސަޕްލައި މަދުވާން ފެށުމުން ޔުކްރެއިންގެ ޒައާމަތުން ސުލްހައިގެ މޭޒުދޮށަށްދާން ބޭނުންވާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ހުޅަނގުން ޔުކްރައިންއަށް އެފް16ގެ ހަނގުރާމަމަތީ ޖެޓްތައް ދިންނަމަވެސް ޔުކްރެއިންއަށް ހަނގުރާމައިގައި އިތުރު ކުރިއެރުމެއް ނުލިބޭނެކަމަށް ޕޫޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެކަމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވުން ނޫން އެހެންކަމެއް ނުވާނެއެވެ.

އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ބާވަތްތަކުގެ ޒަމާނީ ހަތިޔާރުތައް ޔުކްރެއިންއަށް ދިނެވެ. އެހަތިޔާރުތަކާއެކު ވެސް ރަޝިއާގެ މައްޗަށް ކާމިޔާބީއެއް ޔުކްރެއިންއަށް ނުހޯދުނުކަމަށާއި ޔުކްރެއިން ސިފައިންވަނީ ރަޝިއާގެ ދިފާއީ ލައިންތައް ފޫއަޅުވާލުމުގައި މުޅިން ނާކާމިޔާބުވެފައިކަމަށްވެސް ޕޫޓިން ވިދާޅުވިއެވެ.

ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނާގޮތުން ރަޝިއާ ވަނީ ޔުކްރެއިން ހަނގުރާމައާ ގުޅިގެން އެގައުމުގެ މިސައިލް ޓެކްނޮލޮޖީ އާއި މިސައިލް ސިނާއަތު އިތުރަށް ވަރުގަދަކޮށްފައެވެ. ހުޅަނގުން ޔުކްރެއިންއަށް ދޭ ޒަމާނީ ހަތިޔާރުތަކުގެ ހަގީގީ ފައިދާ ޔުކްރެއިންއަށް ނުލިބެނީ ރަޝިއާގެ ޒަމާނީ މިސައިލްތަކުން އެތަކެތި ހަލާކުކޮށްލާތީ ކަމަށާއި މިއީ ވަރަށްބޮޑު މައްސަލައެއްކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް