ސިޔާމް ހުންނެވީ ރައީސް ޞާލިހުގެ އަރިހުގައި ގަދަކޮށް: މައުރޫފް

ށ. އަތޮޅަށް ރައީީސް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން، އެމްޑީއޭގެ ރައީސް ސިޔާމާއެކުގައި -- ފޮޓޯ/ އެމްޑީޕީ

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އަރިހުގައި ގަދަކޮށް ސާބިތުކޮށް ކަމުގައި އެ ޕާޓީގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިފަދައިން ވިދާޅުވީ އެމްޑީޕީ ކޯލިޝަނާ ބެހޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ އެކަމުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން "ސަން"އަށް މިރޭ ދެއްވި އިންޓަވިއުއެއްގައެވެ.

އޭނާ ވިދާޅުވީ ސިޔާމް ހުންނެވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދުމަށް ކުރެވޭ ކެމްޕޭނުގައި ގަދަކޮށް މަސައްކަތް ކުރުމަށް ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުމެން ބައިބައި ކޮށްލަން ހަގީގަތާ ޚިލާފު ވާހަކަތަކެއް އެ ފަތުރަނީ. އެންމެހައި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އެފަދަ ވާހަކަތައް ގަބޫލުނުކުރެއްވުމަށް. އެމްޑީއޭގެ ރައީސް ސިޔާމް ހުންނެވީ ރައީސް ޞާލިހާއެކު ގަދަކޮށް،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއަކަށް ރާއްޖެ ބަދަލުކުރުމަށް ރައީސް ޞާލިހު ކުރައްވާ މަސައްކަތުގައި އެމްޑީއޭގެ ލިޑާޝިޕުން ކުޑަކޮށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އެމްޑީއޭގެ ރައީސް ސިޔާމާއި މި ޕާޓީގެ މުޅި ލީޑާޝިޕް މިއޮތީ ރައީސް ޞާލިހުގެ ފަހަތްޕުޅުގައި. އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރަށް ކުޑަކޮށް ވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ މަސައްކަތްތައް އިހުނަށްވުރެ ބާރަށް ކުރިއަށްގެންދާނަން،" މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިތްވަރާއެކު މަސައްކަތްކޮށް ފުރަތަމަ ބުރުގައި ހެދުނު މިސްޓޭކްތައް ރަނގަޅުކޮށް މި މަހުގެ 30 ވަނަ ދުވަހު ނެގޭ ވޯޓުން ބޮޑުތަނުން ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތް ވޯޓު ގިނަވިނަމަވެސް ދެވަނަ ބުރުގައި އެ މިންވަރަށް ވޯޓު ލިބިވަޑައިނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދެވަނަ ބުރުގެ ވޯޓު ނެގުމުގެ ކުރިން ޑރ. މުއިއްޒަކީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ކިޔައިދޭނަން،" މައުރޫފް ވިދާޅުވިއެވެ.

މީގެކުރިން ބޭއްވި ކެމްޕޭން ޖަލްސާތަކުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވެފައި ވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖެހުނީ ރައީސް ޞާލިޙް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ސިޔާމް ވިދާޅުވީ އެފަދަ ހަރުދަނާ ފިޔަވަޅުތަކެއް އެމަނިކުފާނު ނޭޅުއްވި ނަމަ، ގިނަ ބައެއްގެ ވަޒީފާ ގެއްލި އަވަށްޓެރި ސްރީލަންކާއަށް މެދުވެރިވި ފަދަ އިގްތިޞާދީ ކާރިސާއެއް ރާއްޖެއަށް ކުރިމަތިވީސް ކަމަށެވެ.

ރާއްޖޭގައި ދުވަހަކު ވެސް ނުހިނގާ ވަރުގެ ބިޔަ ބޮޑެތި ތަރައްގީގެ މަޝްރޫއުތަކެއް ރައީސް ޞާލިޙްގެ ވެރިކަމުގައި ފަށާފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިހު ތަރައްގީ ގެނެސްދެއްވުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ނުބައްލަވާ ކަމަށާއި އެހެން ރައީސުންނާއި އެމަނިކުފާނާ ހުރި ތަފާތަކީ އެއީ ކަމަށް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް