ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ހޯދުމަށް އަންނަ ޖެނުއަރީ މަހު ކޮންޓްރެކްޓެއް ހުށަހަޅަން ރެއާލް މެޑްރިޑުން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެމްބާޕޭ ހޯދުމަށް ރެއާލުން ވަނީ 200 މިލިއަން ޕައުންޑް (250 މިލިއަން ޑޮލަރު)ގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އެ ބަޖެޓުގެ ތެރެއިން ޓްރާންސްފާ ފީ އާއި އެމްބާޕޭއަށް ކުރަން ޖެހޭ ހަރަދުތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ ސީޒަނަށްފަހު އެމްބާޕޭ އާއި ޕީއެސްޖީއާ ދެމެދު ވަނީ ގިނަ މައްސަލަތަކެއް ޖެހިފައެވެ. އެ މައްސަލަތައް ޖެހިފައިވަނީ ޕީއެސްޖީން ކޮންޓްރެކްޓް އާކުރުމަށް ތަކުރާރުކޮށް ހުށަހެޅުމުން ވެސް އެކަމަށް އެމްބާޕޭ ދެކޮޅު ހަދަމުން ދިއުމުންނެވެ.
ކޮންޓްރެކްޓް އާކުރުމަށް ދެކޮޅު ހަދަމުން ދިއުމުން ޕީއެސްޖީން ވަނީ އެމްބާޕޭއަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން ސީޒަނަށް ތައްޔާރުވުމަށް ޖަޕާނަށް ޕީއެސްޖީން ކުރި ދަތުރަށް ނެގި ސްކޮޑުގައި އޭނާ ހިމަނައިފައެއް ނުވެއެވެ. ނަމަވެސް ސީޒަން ފެށުމާއެކު ޕީއެސްޖީން ވަނީ ސްކޮޑުން އޭނާއަށް ފުރުސަތު ދީފައެވެ. މިހާތަނަށް ފްރާންސް ލީގުގައި އެމްބާޕޭ ކުޅުނު ތިން މެޗުން އޭނާ ވަނީ ފަސް ގޯލު ކާމިޔާބުކޮށްފައެވެ.
ޕީއެސްޖީން ތަކުރާރުކޮށް، އެމްބާޕޭއަށް ކޮންޓްރެކްޓް އާކުރުމަށް ހުށަހަޅަމުން ދިޔަ ނަމަވެސް، އޭނާ ބޭނުންވަނީ މިސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ރެއާލްއާ ގުޅުމަށެވެ.