ޕޯޗުގަލް އޮތީ ރޮނާލްޑޯއާ ނުލައި ވެސް މޮޅުވާން ތައްޔާރަށް: މާޓިނޭޒް

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް -- ފޮޓޯ/ ގެޓީ

ޕޯޗުގަލް އޮތީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާ ވެސް ނުލައި، މޮޅުވުމަށް ތައްޔާރަށް ކަމަށް ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޔޫރޯ ކޮލިފައިންގައި ޕޯޗުގަލުން ވަނީ ރޭ ލަގްޒެމްބޯގް އަތުން ރެކޯޑު މޮޅެއް ހޯދައިފައެވެ. ޕޯޗުގަލް 9-0 ގެ ނަތީޖާއަކުން މޮޅުވި އެ މެޗަށް ތިން ކާޑު ހަމަވުމުގެ ސަބަބުން އެޓީމުގެ ކެޕްޓަން ރޮނާލްޑޯ ހުރީ ސަސްޕެންޝަނެއްގައެވެ.

ރޮނާލްޑޯއާ ނުލައި ކުޅުނު އެ މެޗުގައި ޕޯޗުގަލްގެ ގޮންކާލޯ އިނާސިއޯ، ގޮންކާލޯ ރާމޯސް އަދި ޑިއޭގޯ ޖޮޓާ، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކުރިއެވެ. އަދި އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ ރިކާޑޯ ހޯޓާ އާއި ބްރޫނޯ ފެނާންޑޭޒް އަދި ޖޮއާއޯ ފީލިކްސްއެވެ.

އެ މެޗަށްފަހު ވާހަކަދައްކަމުން ޕޯޗުގަލްގެ ކޯޗު މާޓިނޭޒް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ ނެތަސް، ޕޯޗުގަލް އޮތީ މޮޅުވާން ތައްޔާރު ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ރޮނާލްޑޯއަކީ ޓީމުގެ މުހިންމު ކުޅުންތެރިއެއް އޭނާ ބުންޏެވެ.

"ރޮނާލްޑޯއަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް. ޕެޕޭ ވެސް ޓީމަށް މުހިންމު. އެ ކުޅުންތެރިންނަކީ ބުރަ މަސައްކަތާއެކު ޓީމަށް ފުރިހަމަކަމެއް ގެނެސްދޭ ކުޅުންތެރިން. ފެންވަރު ސާބިތުކޮށްދޭން އަހަރެމެން ޖެހޭނެ ގޮންކާލޯ ރާމޯސް އަދި ޖޮޓާއަށް ވެސް ފުރުސަތު ދޭން. ރޮނާލްޑޯއަކީ ތަޖުރިބާ ހުރި، ހާއްސަ ކުޅުންތެރިއެއް. މި ޓީމު އޮތީ ރޮނާލްޑޯއާ ނުލައި ވެސް މޮޅުވާން ތައްޔާރަށް،" މާޓިނޭޒް ބުންޏެވެ.

ލަގްޒެމްބޯގް އަތުން ހޯދި މޮޅަކީ ތާރީހުގައި ބައިނަލްއަގުވާމީ މެޗަކުން ޕޯޗުގަލުން ހޯދި އެންމެ ތަފާތު ބޮޑު މޮޅެވެ. ހަ މެޗުން ހޯދި 18 ޕޮއިންޓާއެކު މިވަގުތު ޕޯޗުގަލް އޮތީ ކޮލިފައިންގެ "ގްރޫޕު ޖޭ"ގެ އެއްވަނައިގައެވެ.

comment ކޮމެންޓް