ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އިދިކޮޅު، ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ހިމެނޭހެން އެ ކޯލިޝަންގެ ވަފުދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ސަން އައިލެންޑަށް ވަޑައިގެންފިއެވެ.
ގާސިމްގެ އެޑްވައިޒަރު އަދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ މި ވަފުދުގައި ޕީޕީއެމް، ޕީއެންސީގެ ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ކަމަށެެވެ. އަދި އެ ބޭފުޅުން ސަން އައިލެންޑަށް ވަޑައިގެންނެވީ ދާދި ދެންމެއަކު ކަމަށް ވެސް ވިދާޅުވިއެވެ.
ގާސިމްގެ އަރިހަށް، ކޯލިޝަންގެ މަޝްވަރާއަށް ވަޑައިގެންނެވި ބޭފުޅުންނަކީ، ޕީޕީއެމްގެ ޕީޖީ ލީޑަރު، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގެވެ.

ނިހާން ވިދާޅުވީ އެ ބޭފުޅުން ސަން އައިލެންޑަށް ވަޑައިގެންނެވީ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ގާސިމަށް ދެއްވުމަށް ޓަކައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގައި 17000 އެއްހާ މެމްބަރުން ހިމެނޭއިރު ނިމިދިޔަ އިންތިހާބުގައި ގާސިމަށް ލިބިލެއްވީ އެންމެ 5460 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 2.4 ޕަސެންޓެވެ.