ޕީއެސްޖީ ދޫކޮށް، ވެރާޓީ ގަތަރުގެ އަލް އަރަބީއާ ގުޅެނީ

ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ، ގަތަރުގެ އަލް އަރަބީއާ ގުޅުމަށް އެއްބަސްވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮންޓްރެކްޓް އާކުރި ނަމަވެސް، ޕީއެސްޖީއަށް ކުޅުމުގެ ފުރުސަތު ނުދޭނެކަން ވެރާޓީއަށް އެ ކްލަބުގެ ކޯޗު ލުއިސް އެންރީކޭ ވަނީ އަންގައިފައެވެ. ޕީއެސްޖީއާއެކު ވެރާޓީ ކޮންޓްރެކްޓް އާކޮށްފައިވަނީ 2026ގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރުމަށެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި އަލް އަރަބީއާ މަޝްވަރާކުރުމަށްފަހު، އެ ކްލަބާ ގުޅެން ވެރާޓީ ވަނީ ނިންމައިފައެވެ. އޭނާ އެ ކްލަބާ ގުޅެން ނިންމާފައިވަނީ 45 މިލިއަން ޔޫރޯ (48 މިލިއަން ޑޮލަރު)ގެ އަގަކަށް ކަމަށް ފަބްރީޒިއޯ ރިޕޯޓުކުރެއެވެ.

ވެރާޓީ ވަނީ ޕީއެސްޖީއަށް 11 އަހަރު ދުވަހުގެ މުއްދަތަކަށް ކުޅެފައެވެ. އޭނާ 2012 ވަނަ އަހަރު ޕެސްކާރާ އިން ޕީއެސްޖީއާ ގުޅުމަށްފަހު، ވަނީ 400 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ޕީއެސްޖީއާއެކު 30 ތަށި ހޯދައިފައެވެ.

މިދިޔަ ސީޒަނަށްފަހު ޕީއެސްޖީން މުހިންމު ކުޅުންތެރިންތަކެއް ވަނީ އެ ކްލަބާ ވަކިވެފައެވެ. އެގޮތުން ޕީއެސްޖީ ދޫކޮށް އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެމެރިކާގެ އިންޓަ މަޔާމީއާ ގުޅިފައިވާ އިރު، ނޭމާ ވަނީ ސައުދީ އަރަބިއާގެ އަލް ހިލާލާ ގުޅިފައެވެ.

comment ކޮމެންޓް