ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއި ރުބިއަލޭސް މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އަންހެނުންގެ ވޯލްޑް ކަޕްގެ ފައިނަލުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު އިންގްލެންޑް އަތުން މޮޅުވުމާއެކު ސްޕެއިންގެ ކެޕްޓަން ޖެނީ ހާމޯސޯއާއެކު ބެހެއްޓި އަމަލުތަކުގެ ސަބަބުން ރުބިއަލޭސްއަށް ވަނީ ގިނަ ޕްރެޝަރުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ރުބިއަލޭސް އިސްތިއުފާދެއްވާފައި މިވަނީ އެކަމާ ގިނަ އިހުތިޖާޖުތަކެއް ކުރަމުންދާތާ ގިނަ ދުވަސްތަކަކަށްފަހުއެވެ.
"ޕިއާސް މޯގަން އަންސެންސާޑް"އަށް ދިން އިންޓަވިއުއެއްގައި ރުބިއަލޭސް ވިދާޅުވީ އިތުރަށް މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެތީ، ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށާއި އެ ނިންމުމަކީ އޭނާގެ އާއިލާއާ މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމެއް ކަމަށެވެ.
އިހުތިޖާޖުތަކާއެކު ވެސް އިސްތިއުފާނުދެއްވާނެ ކަމަށް ރުބިއަލޭސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭނާ އޭރު ވިދާޅުވެފައިވަނީ އެ އަމަލު ހިންގާފައިވުމުން ހާމޯސާގެ ދެކޮޅުވެރިވުމަށް އެކަމުގައި ނެތް ކަމަށެވެ.
އެ އަމަލާ ގުޅިގެން ފީފާ އިން ވެސް ވަނީ އެ މައްސަލަ ބަލަން ނިންމައި، ފުޓުބޯޅައިގެ ހަރަކާތްތަކުން 90 ދުވަހަށް ރުބިއަލޭސް ސަސްޕެންޑުކުރުމަށް ނިންމައިފައެވެ. އަދި ވަގުތީގޮތުން ރައީސްގެ މަގާމުގައި ހުންނެވި ޕެޑްރޯ ރޮޗާއަށް ރުބިއަލޭސް މިހާރު ވަނީ އިސްތިއުފާގެ ސިޓީ ވެސް ފޮނުއްވައިފައެވެ. އަދި އޭނާ ވަނީ ޔޫއެފާގެ ނައިބު ރައީސްގެ މަގާމުން ވެސް އިސްތިއުފާދެއްވައިފައެވެ.
އިސްތިއުފާދެއްވާކަން އިއުލާންކުރުމަށް ރުބިއަލޭސް ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެ ބަޔާނުގައި ރުބިއަލޭސް ވިދާޅުވީ ފީފާ އިން ފިޔަވަޅު އަޅާފައިވާތީ އާއި، އޭނާއާ އެއްކޮޅަށް އެ މައްސަލަ ނިމޭނެކަމަށް ނުބެލެވޭތީ މަގާމުން އިސްތިއުފާދެއްވާ ކަމަށެވެ. އަދި ސްޕެއިންގެ ފުޓުބޯޅައަށް އެކަމުން އަސަރެއް ކުރުމަށް ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރުބިއަލޭސް އިސްތިއުފާދެއްވާފައި މިވަނީ، އޭނާއާ ދެކޮޅަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ ކުރުމަށް ވެސް ނިންމާފައިވަނިކޮށެވެ.