މިދިޔަ ހުކުރު ދުވަހު މޮރޮކޯއަށް އައި ނުރައްކާތެރި ބިންހެލުމާ ގުޅިގެން ގެއްލުން ލިބުނު ޢާއިލާތަކަށާއި އެ ޤައުމުގެ ރައްޔިތުންނަށް ނޯރާ ހަމްދަރުދީގެ ތައުޒިއްޔާ މެސެޖުތައް ފޮނުވައިފިއެވެ.
ނޯރާއަކީ މޮރޮކޯގެ ދަރިކޮޅަކަށް ނިސްބަތްވާ ކެނެޑާގެ ރައްޔިތެކެވެ.
އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާކުރި މެސެޖުގައި ނޯރާ ބުނެފައިވަނީ، މޮރޮކޯގެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް ފެނި އެކަމާ ދެރަވެ ހިތާމަކުރާ ކަމަށާއި މިއީ ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށެވެ.
ނޯރާގެ އާއިލާއަށް ނިސްބަތްވާ ފަރާތްތަކާއެކު ނޯރާގެ ގާތް ރަޙްމަތްތެރިންވެސް ހެޔޮ ހާލުގައި ތިބިކަން އެނގުމުން އެކަމަށް ޝުކުރިވެރިވީ ކަމަށާއި ނޯރާގެ ދުޢާއަކީ މޮރޮކޯގެ ރައްޔިތުންނަށް އަމާންވެއްޓެއް ޤާއިމުކުރެވި ރައްކާތެރިކަމާއެކު އުޅެވޭނެ ތަނެއް އަވަސް ފުރުސަތެއްގައި ލިބުން ކަމަށް ވަނީ ބުނެފައެވެ.
މޮރޮކޯގެ ދަރިކޮޅުން އައިސްފައިވާ ނޯރާ ފަތެހީއަކީ، ވަރަށް ގިނައިން އަމިއްލަ ޤައުމަށް ދަތުރުކޮށް އާއިލާއާއި ރަޙްމަތްތެރިންނާއެކު ވަގުތު ހޭދަކުރާ ފަރާތެއްވެސްމެއެވެ.
އަމިއްލަ ޤައުމަށް ދިމާވި ޤުދުރަތީ ކާރިސާއާ ގުޅިގެން ނޯރާގެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާއިރު ރިކްޓާ މިންގަނޑުން 6.8ބާރު މިނުގައި އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 2000އަށް އަރާފައެވެ. މީގެކުރިން އެ ޤައުމަށް މިފަދަ ބާރުގަދަ ބިންހެލުމެއް އައިސްފައިވަނީ 1960ވަނަ އަހަރުއެވެ.
ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާގެ ސޯޝަލް މީޑިއާ ޕޯސްޓާ ގުޅިގެން ފިލްމީ ދާއިރާއަށް ނިސްބަތްވާ ބައެއް ފިލްމީ ތަރިން ވެސް ވަނީ ނޯރާއަށް ހިތްވަރު ދިނުމުގެގޮތުން މެސެޖުތައް ބަދަލުކޮށްފައެވެ.
މިދިޔަ އަހަރު ފިލްމު "އޭން އެކްޝަން ހީރޯ" އަދި "ތޭކްން ގޯޑް"އިން ވަރަށް ހާއްސަ ފެނިލުންތަކުން ދައްކާލި ނޯރާވަނީ ހަތަރު ފިލްމަކަށް ސޮއިކޮށްފައެވެ. މީގެއިތުރުން "ހިޕް ހޮޕް އިންޑިއާ"ގެ ނަމުގައި ނޯރާގެ އަމިއްލަ ޑާންސް ޝޯވްއެއް ވަރަށް އަވަހަށް ބެލުންތެރިންނަށް ފެންނާނެއެވެ.