އެމްބާޕޭ ނުލިބިއްޖެ ނަމަ، ރެއާލުން އަލްވަރޭޒް ގެންދަނީ

މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒް -- ފޮޓޯ/ ގެޓީ

އަންނަ ސީޒަނުގައި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ފްރާންސް ތަރި ކިލިއަން އެމްބާޕޭ ނުލިބިއްޖެ ނަމަ، ރެއާލް މެޑްރިޑުން އަމާޒު ހިފާނީ މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވަޑް ޖޫލިއަން އަލްވަރޭޒް ހޯދުމަށް ކަމަށް ރިޕޯޓުކޮށްފިއެވެ.

ރެއާލުން އިންތިޒާރު ކުރަމުންދަނީ މިސީޒަނަށްފަހު ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައުމުން، ހިލޭ ޓްރާންސްފާއެއްގެ ދަށުން އޭނާ ހޯދުމަށެވެ. ނަމަވެސް ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި، ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ޕީއެސްޖީގެ ކޮންޓްރެކްޓް އެމްބާޕޭ އާކޮށްފި ނަމަ، ރެއާލުން އޭނާ ހޯދުމަށް ޓްރާންސްފާ ފީއެއް ދައްކަން ޖެހޭނެއެވެ. ރިޕޯޓުތައް ބުނާގޮތުގައި އެހެން ވެއްޖެ ނަމަ، އެމްބާޕޭ ހޯދުމުގެ ބަދަލުގައި ދެން ރެއާލުން މަސައްކަތްކުރާނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކާމިޔާބުކުރި އަލްވަރޭޒް ހޯދުމަށެވެ.

އުމުރުން 23 އަހަރު އަލްވަރޭޒް ވަނީ ވޯލްޑް ކަޕްގެ އިތުރުން މިދިޔަ ސީޒަނުގައި ސިޓީއާއެކު ވެސް ތިން ތަށި ހޯދައިފައެވެ. މިދިޔަ ސީޒަނުގައި އަލްވަރޭޒަށް ގިނަ ފުރުސަތުތަކެއް ލިބިފައި ނުވި ނަމަވެސް، މިސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ 11 އިން އޭނާ ފުރުސަތު ހޯދިއެވެ. އެ ހަތަރު މެޗުން އޭނާ ވަނީ ދެ ގޯލު ޖަހައި، އެއް އެސިސްޓް ހަދައިފައެވެ.

އަލްވަރޭޒް ދެން ފެނިގެންދާނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ މެޗުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ޖެހޭނީ ބޮލީވިއާއާ ދެކޮޅަށެވެ.

comment ކޮމެންޓް