މުއިއްޒުގެ ދައުވަތު ހުރިހާ ސިޔާސީ ޕާޓީތަކަށް: އެކުގައި މަސައްކަތްކުރަން ވަޑައިގަންނަވާ

ޑރ. މުހައްމަދު މުއިއްޒު ސަންގު ރިޔާސީ ބަހުސްގައި ވާހަކަ ދައްކަވަނީ --

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، އެކުގައި މަސައްކަތްކުރެއްވުމަށް ސިޔާސީ ހުރިހާ ޕާޓީތަކަކަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތުދެއްވައިފިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބު ފާހަގަކުރަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ އޭނާ އެ ކުރައްވާ ގައުމީ މަަސައްކަތުގައި ބައިވެރިވުމަށް އެހެން ހުރިހާ ޕާޓީތަކަށް ދައުވަތުދޭ ކަމަށެވެ. އަދި އޭނާ އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތްކަމަށާއި ގައުމުދެކެ ލޯބިވާ ހުރިހާ ރައްޔިތުން އެ އަތުގައި ހިފުމަކީ އޭނާގެ އެދިލެއްވުމެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގައި އަޅުގަނޑު އެދެން ގައުމުދެކެ ލޯބިވާ ހުރިހާ ސިޔާސީވެރިން ހިއްޕެވުމަށް،" މުއިއްޒު ވިދާޅުވިއެވެ.

އަޅުގަނޑު މި ދޭ ޔަގީންކަމަކީ ގައުމު އިސްކޮށް ގައުމުގެ ބަހާތައް އިހްތިރާމް އަދާކޮށް ގައުމުގެ މިނިވަންކަމަށް އިހްތިރާމް އަދާކުރާ ގައުމުގެ ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެއް ވިސްނުމަކަށް އަންނަ ގައުމުގެ ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތެއް ގޮތުގައި ދެކޭ ކޮންމެ ސިޔާސީ ވެރިއަކާ، ސިޔާސީ ޕާޓީއަކާ އެކީގައި ކުރިއަށް ދެވޭނެ،"

މުއިއްޒު ވިދާޅުވީ މިއަދު އިސްކުރަންވީ ގައުމުކަމަށާއި ގައުމަށް އެންމެ ރަނގަޅު ގޮތަކީ އޭނާއާއެކު މަސައްކަތްކުރަން ހުރިހާ ޕާޓީއަކުން ވެސް ނިންމުންކަމަށެވެ. އަދި ސިޔާސީ ފިކުރަށްވުރެ ބޮޑަށް ގައުމީ ފިކުރު އިސްކުރަންޖެހޭ ކަމަށް ތަކުރާރުކޮށް މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގައުމުގައި އިންޑިއާ ސިފައިން ތިބިކަން އެންމެންންނަށް އެނގޭ ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން އެ ވާހަކަ ދައްކާ ކަމަށެވެ. ކުލަ ހެދުމުގައި ވިޔަސް، ކޮންމެ ހެދުމެއްގައި ވިޔަސް އިންޑިއާ ސިފައިން މި ގައުމުގައި ތިބުމަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒު ކެމްޕޭން ޖަލްސާއެއްގައި ---- ފޮޓޯ: ޕީޕީއެމް

އޭނާގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަންކުރާނީ މި ގައުމުގެ މިނިވަންކަން ހިމާޔަތްކުރާ ކޮންމެ ގައުމަކާއެކު ގާތްގުޅުން ބާއްވާ ގޮތަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒަށް ފުރަތަމަ ބުރުގައި ލިބުނު ކާމިޔާބީ ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިއްޔެ ވެސް ފެނުނީ ރައްޔިތުން ގައުމު އިސްކުރި މަންޒަރު ކަމަށެވެ. އަދި އޭނާއަށް ވޯޓުނުދިން މީހުންނަކީ ވެސް ދިވެހީންކަމަށާއި އެއީ ވެސް އޭނާގެ ކުރިމަތީގައި ހަމަހަމަބައެއް ކަމަށެވެ.

"ޕާޓީއަކީ މި މައުޟޫގައި މުހިންމު އެއްޗެއް ނޫން. އަޅުގަނޑުމެންނަކީ ކޮންމެ ރަށެއްގައި ހުއްޓަސް ކިތަންމެ މީސްކޮޅު މަދު ރަށެއްގައި ހުއްޓަސް، ކިތަންމެ ބައިބޯ ސިޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. އަޅުގަނޑުމެން އެބަ ޖެހޭ ގައުމީ ވިސްނުން އިސްކުރަން،" މުއިއްޒު ވިދާޅުވިއެވެ

ދިވެހި ރައްޔިތުން ގައުމުދެކެ ލޯބިވާކަން އިއްޔެ ދައްކުވައިދީފިކަމަށާއި ދެވަނަ ބުރުގެ ވޯޓުނަގާ ސެޕްޓެމްބަރު 30ވަނަ ދުވަހު މާ ބޮޑަށް އެކަން ދައްކާނެކަމުގެ ޔަގިންކަން އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަވަހަށް މަސައްކަތް ފައްޓަވަންވީ. ހުރިހާ ޕާޓީތަކެއްގައި ތިބި ހުރިހާ ރައްޔިތުންނަކީ ދިވެހި ރައްޔިތުން. އިސްލާމްދީން ދެކެ ލޯބިވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތާ، ގައުމުގެ މިނިވަންކަން މުހިންމު ރައްޔިތުން،" މުއިއްޒު ވިދާޅުވިއެވެ.

އިއްޔެގެ ރިޔާސީ އިންތިހާބު 46 އިންސައްތައިގެ ނަތީޖާއަކާއެކު ކުރި ހޯއްދެވީ މުއިއްޒެވެ. ދެވަނައިގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހޯއްދެވީ 39 އިންސައްތައެވެ.

comment ކޮމެންޓް