ރަސްދޫ ފޮށީގެ ދެ އޮފިޝަލަކު އެކަހެރިކުރުމުން، މައްސަލަ ހޫނުވެއްޖެ

އއ. ރަސްދޫގައި ވޯޓުލުން ވަނީ ހުއްޓުވާފަ --

މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި، އއ. ރަސްދޫގައި ބެހެއްޓި ވޯޓު ފޮށީގައި މަސައްކަތް ކުރަމުން ދިޔަ، ކޮމިޝަނުގެ ދެ އޮފިޝަލަކު އެކަހެރި ކުރުމާ ގުޅިގެން އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގައިފިއެވެ.

އެ ރަށު ކައުންސިލުގެ ރައީސް، މުހައްމަދު ނާހިދު ވިދާޅުވީ އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތައް މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އަދިވެސް ވޯޓުލުން މަޑުޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ އެ ސަރަހައްދުގައި ހަމަނުޖެހުން ހިނގި ނަމަވެސް، ވޯޓުލުން ހުއްޓާލާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އޮފިޝަލުން ދުރުކުރަން ޖެހުނީ ކެމްޕޭނު ހަރަކާތެއްގައި ބައިވެރިވުމާ ގުޅިގެން، ހުށަހެޅި ސުލޫކީ މައްސަލައެއް ބަލައި، އެކަން ސާބިތުވުމުން ކަމަށެވެ. ވޯޓު ފޮށިތަކުގެ ކައިރީ ތިބޭ އޮފިޝަލުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ އުސޫލާ ޚިލާފު ކަމެކެވެ.

ކައުންސިލް ރައީސް ވިިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒު ކައިރިއަށް އެއްވީ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުންނެވެ. އެނގިފައިވާ ގޮތުގައި، އެ ދެ އޮފިޝަލުން ބައިވެރިވިކަން ސާބިތުވެފައި ވަނީ ވެސް އެ ކޯލިޝަނުގެ ހަރަކާތެއްގައެވެ.

comment ކޮމެންޓް