ހުޅުމާލެ ކައިރިން ދަތުރު ކުރި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މެރިން ޕޮލިހުން ބުނީ، އެ އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 20:36 އެހާ ކަންހާއިރު ހުޅުމާލެ ކައިރިން ކަމަށެވެ.
މި އެކްސިޑެންޓުގައި ޖުމުލަ އަށް މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
އެކްސިޑެންޓުވީ ޖޮއި އައިލެންޑުން ފަތުރުވެރިންތަކެއް ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެކެވެ.
އެއާޕޯޓަށް ދަތުރުކުރި ލޯންޗުގައި 13 ފަސަންޖަރުންނާއި ތިން ފަޅުވެރިން ތިބި އިރު، އެ އުޅަނދުގައި ތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށާއި، އޭގައި ތިބި މީހުން ފުރަން އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށް ކޯސްޓުގާޑުން ބުންޏެވެ.
މި އެކްސިޑެންޓުގައި އެކިވަރުގެ އަނިޔާ ލިބުނު އަށް މީހަކަށް ފަރުވާދެމުން އަންނައިރު، ފަސް މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ވެސް މެރިން ޕޮލިހުން ބުންޏެވެ.