މައުރޫފްގެ ދުލުން މުއިއްޒު!

އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް އަދި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު --

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒާއެކު ސިޔާސީ މަސައްކަތްތައް ކުރެއްވިއިރު ކުރެވުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށާއި މުއިއްޒަކީ އަދުލުވެރިކަން ނެތް މީހެއް ކަމަށް، އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް މިއަދު ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއާ ހަވާލާދެއްވައި މައުރޫފް ވިދާޅުވީ މުއިއްޒު ސިޔާސީ މައިދާނަށް ނެރެދިނީ އަދާލަތު ޕާޓީން ކަމަށެވެ. ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި މުއިއްޒަށް ހައުސިން މިނިސްޓަރުކަން ދެއްވީ އާދޭސްދެންނެވުމުން ކަމަށް އިމްރާންވެސް ވިދާޅުވިއެވެ.

"މުއިއްޒު އިމްރާން އަރިހުގައި ރޮއެއާދޭސްކުރި. އަދާލަތު ޕާޓީގައި ދެމި ހުންނާނަމޭ. ދުވަހަކު ވެސް އަދާލަތު ޕާޓީދޫކޮށް ނުދާނެ ކަމަށް ވައުދާއި އަހުދުވި. އެހެންވެ އެވަގުތު މުއިއްޒަށް އިތުބާރުކޮށްފައި އަދާލަތު ޕާޓީއިން މުއިއްޒަށް މިނިސްޓަރުކަން ހަވާލު ކުރީ،" މައުރޫފް ކިޔައިދެއްވިއެވެ.

ރައީސް ވަހީދުގެ ވެރިކަން ބަދަލުވެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަތުމަށް ހެދި ކޯލިޝަންގައި ހައުސިން މިނިސްޓްރީއަކީ އެމްޑީއޭގެ ސުލޮޓެއްގެ ގޮތުގައި އޮތީ ހަމަޖައްސައިފައެވެ. މައުރޫފް ވިދާޅުވިގޮތުގައި މިނިސްޓަރުކަން ދިނުމަށް އެމްޑީއޭއިން ހުށަހަޅަން އޭރު ނިންމީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ފާއިޒްގެ ނަމެވެ. އެ އޮފާ ފާއިޒަށް ލިބުމުން އޭނާ މުއިއްޒަށް އިހުތިރާމް ކުރުމުގެ ގޮތުން މުއިއްޒަށް އެކަން ދެންނެވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"ލަފާ އެހީމައި މުއިއްޒު އަވަސްވެގަތީ އޭނާ ހައުސިން މިނިސްޓަރުކަމުގައި ދެމި ހުންނާނެ ގޮތެއް ހޯދަން. އެހެންވީމަ އެކިގޮތްގޮތަށް އަޅުގަނޑަށާއި އަޅުގަނޑުމެންގެ ޕާޓީގެ ރައީސަށާއި ރައީސް ޔާމީނަށް އެކި ކޯލްތައް އައީ ފާއިޒަކީ އެމްޑީޕީގެ ވިސްނުމުގެ މީހެއްކަމަށް. އޭނާއަށް ހައުސިން މިނިސްޓަރުކަން ދޭން ހެޔޮ ނުވާނެ ކަމަށް،" މައުރޫފް ވިދާޅުވިއެވެ.

"އެކި މީހުންގެ ވާހަކަތައް އަޅުގަނޑުމެންގެ ކަންފަތަށް އައުމުން އަޅުގަނޑުމެންގެ ޕާޓީގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ނިންމެވީ މުއިއްޒަށް މިނިސްޓަރުކަން ދޭން. ނަމަވެސް އެހާތަނަށް މުއިއްޒަކީ ޕާޓީގެ ރައީސާ އެއްވެސް ފަހަރަކު ބައްދަލުވެފައިހުރި މީހެއް ނޫން. ހުދު އަޅުގަނޑާ ވެސް ހައުސިން މިނިސްޓަރުކަން ލިބުމުގެ ކުރިން އެއްވެސް ވަރަކަށް ވެސް ބައްދަލުވެފައެއް ނެތް."

މައުރޫފް ވިދާޅުވިގޮތުގައި މުއިއްޒަށް އެމްޑީއޭގެ ސްލޮޓްގައި ހައުސިން މިނިސްޓަރުކަން ދޭން ނިންމެވިކަން އެންގެވުމަށް މުއިއްޒުގެ ގެއަށް ވަޑައިގަތީ އޭނައެވެ. އެއަށްފަހު ޝަރުތުތަކެއް ހުށަހެޅުއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ. އޭގެ ތެރެއިން އެއް ޝަރުތަކީ އެމްޑީއޭއާ އޭރު ގުޅުމަށް ފަހު އެ ޕާޓީ ދޫކޮށް ވަޑައިނުގަތުމެވެ. އަނެއް ޝަރުތަކީ އަމާނާތްތެރިކަމާއެކު ޒިންމާތައް އަދާކުރެއްވުމެވެ. އަނެއް ޝަރުތަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށެވެ.

"މުއިއްޒު ޕާޓީއަށް އެއްވެސް ގުރުބާނީއެއް ނުވެ، އެއްވެސް ކަމެއް ނުކޮށްދޭ ހާލަތުގައި މަގާމު މިދެނީ މުއިއްޒަކީ ކިޔަވައިފައި ހުރި ބޭފުޅަކަށް ވާތީ އިތުބާރު ކޮށްފައި ކަމަށް ދެންނެވިން. މުއިއްޒު ވިދާޅުވީ މައުރޫފް ތި ވިދާޅުވިގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރިއަށް ގެންދާނަމޭ،" މައުރޫފް ކިޔައިދެއްވިއެވެ.

އެމްޑީއޭގެ ސްލޮޓެއްގައި މުއިއްޒު ހައުސިން މިނިސްޓަރުކަން ކުރައްވާތާ ތިން އަހަރެއްހާ ދުވަސްފަހުން މުއިއްޒާއި ރައީސް ޔާމީންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"މެޑަމް ފާތުން [ފާތިމަތު އިބްރާހީމް]އާއި މުއިއްޒުގެ ގުޅުން ވަރަށް ގޯސްވި. މެޑަމް ފާތުންގެ އިތުބާރު މުއިއްޒަށް ގެއްލިގެން ދިޔައީ. މެޑަމް ފާތުން، ރައީސް ޔާމީނާ މި ވާހަކަ ދައްކައިގެން އަސްލު ރައީސް ޔާމީނާއި މުއިއްޒާ އޮތް ގުޅުން ކެނޑިގެން ދިޔައީ،" މައުރޫފް ވިދާޅުވިއެވެ.

އެގޮތުން މުއިއްޒު، ރައީސް ޔާމީނަށް މެސެޖު ކުރެއްވުމުން ޖަވާބެއް ނުދެއްވާތީ ކަންބޮޑުވެގެން އެކަން ހައްލު ކޮށްދިނުމަށް އޭނާ ގާތު މުއިއްޒު އެދެމުން ދިޔަ ކަމަށް މައުރޫފް ވިދާޅުވިއެވެ. މުއިއްޒު އެކަމާ ވަރަށް ކަންބޮޑުވެގެން އެކަން ދެތިން ފަހަރަކު ހުށަހެޅުމުން އެމްޑީއޭގެ ރައީސް ސިޔާމާއި މައުރޫފް އެކަމުގެ ތެރެއަށް ވަދެ އެ މައްސަލަ ހައްލުކޮށް ދިނުމުގެ މަސައްކަތް ފެއްޓެވީ ކަމަށް މައުރޫފް ވިދާޅުވިއެވެ. އެ މައްސަލަ ހައްލު ކުރެވުނީ ވަރަށް ބޮޑަށް ވާހަކަ ދެއްކުމުން ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"ދެން ފަހުންވީގޮތަކީ މިކަންކަން އަޅުގަނޑުމެން ރަނގަޅު ކޮށްދިނީމައި އަޅުގަނޑުމެންނާ މުޅިން ދުރުވީ. ދުރުވެފައި ބޮޑަށް މެޑަމްއާ ކައިރިވީ. މެޑަމް ވިދާޅުވާ ގޮތަކަށް ފަހު ދެ އަހަރު ކަންތައްތައް ކުރަމުން ދިޔައީ." މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭގެ ނައިބު ލީޑަރުކަން ވެސް ސިޔާމް، މުއިއްޒަށް ދެއްވިއެވެ. މައުރޫފް ވިދާޅުވިގޮތުގައި އަމިއްލަފުޅު ގޮތުންވެސް ސިޔާމް ވަރަށް ބޮޑަށް މުއިއްޒަށް އިހުސާންތެރިވިއެވެ. ނަމަވެސް މުއިއްޒު ފަހުން މަސައްކަތް ކުރީ ޕާޓީގެ ވިސްނުމާ ޚިލާފަށް ކަމަށް ވިދާޅުވިއެވެ. އެގޮތުން އޭނާއާއި ސިޔާމްގެ ކޮއްކޮ، އޭރު އެމްޓީސީސީގެ ޗެއާމަންއަކަށް ހުންނެވި ހުސައިން ސާލިމް ވެސް މުއިއްޒާ ބައްދަލު ކުރައްވަން އެޕޮއިންޓްމަންޓަކަށް އެދުމުން އެ ފުރުސަތު ވެސް ނުދެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑަށް އަމިއްލަ ތަޖުރިބާގައި މުއިއްޒު ފެނިގެން ދިޔައީ ވަރަށް ބޮޑާ، ކިބުރުވެރި މީހެއްގެ ގޮތުގައި." މައުރޫފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުއިއްޒުގެ މިނިސްޓަރުކަމުގައި މުވައްޒަފުންނާ ދޭތެރޭ ކަންތައް ކުރާގޮތުގެ ގިނަ ޝަކުވާތަކެއް އެމްޑީއޭއަށް ހުށަހަޅަމުން ދިޔަ ކަމަށެވެ. އޭގެ ތެރޭގައި ހަރުކަށިވުމާއި މުއިއްޒު ބޭނުންފުޅުވާގޮތަށް ކަމެއް ނުނިމިއްޖެ ނަމަ އެ މީހަކާ ދޭތެރޭ ވަރަށް ނިކަމެތިކޮށް ކަންތައް ކުރުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ފަހުން ފަހުން އެމްޑީއޭއާ ދުރަށް ޖެހެމުންގޮސް 2018 ވަނަ އަހަރު ޕީޕީއެމްއާއެކު ކޯލިޝަން ނުހަދަން ނިންމި ހިސާބުން މުއިއްޒު ދެން ގުޅިވަޑައިގަތީ ޕީޕީއެމްއާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވީ ވައުދާ އަހުދާ ހުރިހާ އެއްޗެއް އުވާލާފައި ގޮސް ޕީޕީއެމްއަށް ސޮއިކޮށްފައި ޕީޕީއެމްގައި އެ ހުންނެވީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މުއިއްޒަކީ ދީންވެރި އަދި ސިޔާސީގޮތުން އުސޫލު ގަބޫލުކުރާ މީހެއްނަމަ ޕާޓީއަކުން ދޭ ސްލޮޓެއް އެގޮތަށް އަހުދުވެ، ވައުދުވެފައި ދިނީމައި އެއަށް އިހުތިރާމް ކުރަން ޖެހޭނެ. އެގޮތަކަށް ނޫން ކަންތައް ކުރީކީއެއް." މައުރޫފް ވިދާޅުވިއެވެ.

"މުއިއްޒަކީ އަހުދާއި ވައުދު އުވާލާފައި އަމިއްލަ އެދުމައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް. އެމަނިކުފާނަކީ ދީނީ އެއްވެސް އުސޫލެއް ގަބޫލު ކުރައްވާ ބޭފުޅެއް ނޫން. ދީނުގައި އެންމެ ބޮޑު އެއްކަމަކީ އަހުދަށް ހުރުމަތްތެރިކޮށް ހިތުން. ހާއްސަކޮށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަންނަ މީހަކަށް ވާޖިބުކަމެއް. ލާޒިމް ކަމެއް."

އެއް ބުރުން ރައީސް ޞާލިޙް އިންތިޚާބު ވާނެ

މައުރޫފް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި ވެސް މުޅި ރާއްޖެއަށް އޭނާ ދަތުރުކުރިއިރު ފެނުނު މަންޒަރާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ދަތުރު ކުރުމުން ފެނުނު މަންޒަރު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން މި އިންތިޚާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވިގޮތުގައި އޭނާއަށް ގަބޫލުކުރެވޭގޮތުގައި މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ކުރައްވާނީ ރައީސް ޔާމީން ކުރެއްވިފަދަ، އަނިޔާވެރި، ކޮރަޕްޓްވެރިކަމެކެވެ. ދީނީ ބައެއް ބޭފުޅުން މުއިއްޒަށް ތާއީދު ކުރައްވަނީ މުއިއްޒުގެ ގޮތް ނޭނގޭތީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަލަފު ޖަމިއްޔާއިން މުއިއްޒަށް ތާއީދު ކުރަނީ އެ ޖަމިއްލާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމަކީ މުއިއްޒުގެ ޅިޔަނަކަށް ވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

comment ކޮމެންޓް