އައްޑޫން ރައީސަށް 65 ޕަސެންޓް ދީފިނަމަ، ފުޓުބޯޅަ މުބާރާތެއް ބާއްވަދޭނަން: ސިޔާމް

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު -- ފޮޓޯ/ އެމްޑީޕީ

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް 65 ޕަސެންޓް ވޯޓު ހޯދައިދީފިނަމަ 'ސަން ސިޔާމް ފުޓްބޯޅަ މުބާރާތް' އެ ސިޓީގައި ބާއްވައިދެއްވާނެ ކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހަައްމަދު ވިދާޅުވެއްޖެއެވެ.

އައްޑޫގައި ރޭ އޮތް އެމްޑީޕީގެ ބޮޑު ކެމްޕޭން ޖަލްސާގައި ސިޔާމް ވިދާޅުވީ އެ ސިޓީގައި ވެސް އެ މުބާރާތް ބޭއްވުމަށް ގިނަ ބައެއްގެ ފަރާތުން ހުށަޙަޅައިފައިވާކަމަށެވެ.

އެ މުބާރާތް ބާއްވަން ބޭނުންނަމަ މުޅި އައްޑޫގެ 65 ޕަސެންޓް ވޯޓު ރައީސަށް ދިނުމަށް ސިޔާމް ވަނީ އެދިވަޑައިގެންފައެވެ.

"އަޅުގަނޑު ހަމަ ވަރަށް އިހްތިރާމާ އެއްކޮށް، ލޯތްބާއެކު މި ދަންނަވަނީ އިބްރާހިމް މުޙައްމަދު ޞާލިހު ތި ބޭފުޅުން 65 ޕަސެންޓުން ހޮވައިދީފިކަމަށްވަންޏާ އަޅުގަނޑު އިރާދަކުރެއްވިއްޔާ ސަން ސިޔާމް މުބާރާތް ތިޔަ ބޭފުޅުންނަށް ބާއްވައިދޭނަން،" ސިޔާމް ވިދާޅުވިއެވެ.

މީގެ ކުރިން އެ މަނިކުފާނުވަނީ ނ. އަތޮޅުގެ މެޖޯރިޓީ ރައީސް ޞާލިހަށް ލިބިއްޖެނަމަ ކުރިއަށް އޮތް އަހަރު ސަން ސިޔާމު ފުޓުބޯޅަ މުބާރާތް ނ. އަތޮޅުގައި ބާއްވާނެކަމަށް ވިދާޅުވެފައެވެ.

ސަން ސިޔާމު ފުޓުބޯޅަ މުބާރާތަކީ މީގެ ކުރިން ސިޔާމް މައުރޫފް ސޮކާ ކަޕްގެ ގޮތުގައި ބާއްވަމުން ދިޔަ މުބާރާތެކެވެ. ސިޔާމް މައުރޫފް ސޮކާ ކަޕަކީ ސިޔާމާއި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފްގެ އިސްނެންގެވުމާއެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.

އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުއެވެ. އެ މުބާާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބާއްވައިފައިވާ އެންމެ އަގު ބޮޑު ފުޓުބޯޅަ މުބާރާތަށެެވެ. އެގޮތުން، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 600,000 ރުފިޔާ ދީފައެވެ.

comment ކޮމެންޓް