ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެއްވޭނެކަމަށާއި އެ ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އައްޑޫ ސިޓީގެ ރައްޔިތުުންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މުޅި ރާއްޖެއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު އެ މަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެއެވެ. މިރޭ އެ މަނިކުފާނުގެ ކެމްޕޭނަށް އައްޑޫގައި އޮތް ބޮޑު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ތުރާކުނުން ފެއްޓެވި ދަތުރުފުޅުގައި އައްޑުއާ ހަމައަށް ވަޑައިގެންނެވިއިރު ވެސް ފެނިވަޑައިގަތީ އެއްބުރުން އިންތިޚާބު ކާމިޔާބުވާ މަންޒަރުކަމަށެވެ.
އެއާއެކު ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގައި ނިންމާ އެންމެ ބޮޑު ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނީ އައްޑޫ ސިޓީންކަން ރައީސް ވިދާޅުވިއެވެ.
"އެއްބުުން އެ ދުވަހު ދިވެހިން ނިންމާ ނިންމުން ސީލްކޮށް އޭގައި ތައްގަނޑު ޖަހާނީ މި ބޮޑު އައްޑޫ ސިޓީން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިހް އައްޑޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ރައީސް ވިދާޅުވީ ޑިމޮކްރެސީގެ ހަޔާތުގައި އައްޑޫ ރައްޔިތުން ކުރި އެންމެ ބޮޑު ކަމަކީ ބުރަކޮށް މަސައްކަތްކުރުންކަމަށެވެ. އެގޮތުން އެމްޑީޕީ އުފެދުުމުގައާއި ސިޔާސީ ގޮތުން އެތައް ގުރުބާނެއްވީ ރައްޔިތުން މިއަދު ވެސް އައްޑޫގައި އުޅެމުން އަންނަކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ސިއްރުން އަޑު ބަދަލުކޮށްގެން އަޅުގަނޑުމެންނާ ވާހަކަދެއްކި ބޭފުޅުން މިތާ އެބަ ތިއްބެވި. މުޒާހަރާއަކށް ދާންވީމާ ބުނެލާ ތަނުން ދޯނީގައި ފުރައިގެން ބޮޑު ކަނޑުތައް ހުރަސްކޮށް މާލެއަށް ދަތުރުުކުރި އެތައް ބައެއް މިތާ އެބަތިއްބެވި. ޕެޕާ ސްޕްރޭއާއި ކަރުނަ ގޭހާއި ޖަލުގެ ކުޑަގޮޅި ދުށް އެތައް ބައެއް މިއަދު ވެސް މިތާ އެބަތިއްބެވި،" ރައީސް ވިދާޅުވިއެވެ.
މިއަދު ފެންނަނީ އެ ދުވަހުގެ ބުރަ ނަތީޖާކަމަަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރީގެ ވެރިކަންތަކުގައި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ މެދަށް ބަރުވެފައިި އޮތް ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަމަހަމަކަމާއެކު މަސައްކަތްތައް ފެށީ މި ސަރުކާރުން ކަމަށެވެ. އެ މަސައްކަތް ފެށިތަނުން އެންމެ ބޮޑު ދައްޗަކަށްވީ ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވުންކަމަށް ރައީސް ވުދާޅުވިއެވެ.
"2019ވަނަ އަހަރު ނިމިގެން ދިޔައީ މުޚި ދުނިޔެ ކުރިމަތިވި ކޮވިޑުގެ އާލަމީ ވަނާއާ އަޅުގަނޑުމެން ކުރިމަތިލާން ޖެހުމާއެކީގައި،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަޝިއާ ޔޫކްރެއިން ހަނގުރާމާއި ރާއްޖެއިން ކުރިމަތިވި ދަތިތައް ވެސް ހިމެނޭކަމަށް ރައީސް ވިދާޅުވިއެެވެ.
ރައީސް ޞާލިހް އައްޑޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ
ނަމަވެސް އެ ހުރިހާ ކަަމަކާއެކު ވެސް ތަރައްގީގެ މަޝްރޫތައް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މިއަދު އިންތިޚާބަށް ކުރިމަތިލައިގެން މި ތިބި އިރުގައި އަޅުގަނޑުމެން މި ތިބީ ހިތްހަމަ ޖެހިގެން،"
އެއާއެކު ދެވަނަ ދައުރެއްގައި އައްޑުއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްްގެ ވައުދު އެ މަނިކުފާނު މިރޭ ހާމަކުރެއްވިއެވެ. އެ ކަންމަކީ:
- ހުރިހާ މަގެއްގައި ތާރުއެޅުން
- ހައުސިން ޔުނިޓް ތަރައްގީކުރުން. ފުރަތަމަ ބުރުގައި 1،000 ފްލެޓް ތަރައްގީކުރުން
- ހިއްކި ބިންތަކުގައި ފެނާއި ނަރުދަމައާއި ކަރަންޓާއި މަގުތައް ހެދުން
- އިންޑަސްޓްރިއަލް ޒޯނެއް ގާއިމްކުރުން. ވެހިކަލް އެތެރެކުރާ މީހުންނަށް އެތަން ޚާއްސަކުރާނެ
- އެސްޓީއޯއިން ވިއްކާ ހިލަވެއްޔާއި މޯލްޑިވްސް ގޭހުން ވިއްކާ މުދަލުގެ އަގު މާލެއާ އެއްހަމަ ކުރުން
- ބިޒްނަސް އިންކިއުބޭޝަން ސެންޓަރަކާއި ކޯވޯކިން ސްޕޭސް ހެދުން
- އިކޯ ޓޫރިޒަމް ތަރައްގީކުރުން
- ރޭސިން ޓްރެކެއް
- އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް
- އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ޚިދުމަތް ތަރައްގީީކޮށް ކައިރި ރަށްތަކަށް ލިބޭ ގޮތް ހެދުން
- ޕިކްނިކް އައިލެންޑެއް ހެދުން
- ކްލައިމެޓް ރިސާޗާއި މެރިން ރިސާޗް ސެންޓަރެއް ގާއިމްކުރުން
- ޑިސެބިލިޓީ މެނޭޖްމަންޓް ސެންޓަރެއް އެޅުން
- ހުރިހާ ދާއިރާއެއްގައި އައުޓްޑޯ ޖިމާއި، ކުޑަކުދިން ޕާކު ހެދުން
- މަސްވެރިންނަށް ޓަކައި ކޮށްދޭ މަސައްކަތްކުރުން
- ދަނާލެއް ގާއިމްކޮށް ޔުނިވާސިޓީ ޚިދުމަތް ރަނގަޅުކުރުން
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވިޝަނެއް އެބައޮތްކަމަށެވެ.
ރައީސް ވިދާޅުވީ ހޮޮނިހިރު ދުވަހުގެ ވޯޓަކީ މުހިންމު ވޯޓެއް ކަމަށެވެ. އެގޮތުން އެއީ ތަަރައްގީއާއެކު ކުރިއަށް ދާނީތޯ ނުވަތަ ކުރީ ސަރުކާރުގެ އަނިޔާވެރިކަމާއެކު ދާންވީތޯ ނިންމަން ފުރުސަތު ލިބޭ ދުވަސް ކަމަށެވެ.
"ތިޔަ ބޭފުޅުން ކުރިއަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވިއެވެ.