ރަށުގެ ވޯޓުލެވޭ އުމުރުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ސްކޫލަށް އެއްކޮށްފައެވެ. މާލެއިން ވޯޓުލާނެ ގޮތް ކިޔައިދިނުމަށް ފޮނުވާފައިވާ ބޭފުޅާ، ސްކޫލުގެ ކަޅު ބޯޑުގައި ވޯޓު ހަރުދާހެއް ޗޯކުން ކުރެހިއެވެ. އެއަށް ފަހު ފާހަގަ ޖަހަންވީގޮތް އޭނާ ކިޔައިދިނެވެ. ރަނގަޅު ފާހަގަ ގިނަ މީހުންނަށް އެނގޭނެހެން ކިޔައި ދިނުމަށް ކާފު ލިޔަން އެދުނެވެ. އެގޮތުން ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓު ހޮވަން ބޭނުންނަމަ ބޮޑު ކާފު، އަދި ހޮވަން ބޭނުން ނޫން ނަމަ ކުޑަ ކާފެއް ޖެހުމަށް ބުންޏެވެ. އެއީ، ފެންނަ ނުފެންނަ ގޮތް ބެލުމަށް ނަގާ ވޯޓަކަށް ވާތީ ހަގީގަތަކީ ނުފެންނަ ނަމަ ޖަހަން ޖެހެނީ ނުބައި ފާހަގައެވެ. ނަމަވެސް ވޯޓުލާގޮތް ކިޔައިދޭން ރަށްރަށަށް ދާ މީހުން ކިޔައިދެނީ އެގޮތަކަށް ނޫނެވެ. ނުބައި ފާހަގައިގެ ވާހަކަ ނުވެސް ދައްކަނީއެވެ.
އެއީ، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރު ރިޔާސީ އިންތިޚާބުތައް ބާއްވަމުންދިޔަ ގޮތެވެ. އެ ދުވަހު އެ ސަރުކާރުން އަންގައިގެން އެކަންކަން ކުރި މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިއްބެވެ. މި ނޫހާ އެ ވާހަކަތައް ހިއްސާ ކުރީ އޭގެ ތެރެއިން ބައެއް މީހުންނެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ރަށަކަށް ވަޑައިގެން--
"ހަގީގަތަކީ ރައީސް މައުމޫނަށް ތާއީދު އޮވެގެން ކާމިޔާބު ވެފައި އޮންނާނީ ދެ އިންތިޚާބެއް ވަރު. ދެން މުޅިންހެން ގަދަކަމުން ކާމިޔާބު ހޯދީ،" މަޖިލީހުގެ މެންބަރުކަމާއި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިއެވެ.
"ސީދާ އަޅުގަނޑު ވެސް ސަރުކާރުން ފޮނުވައި ހއ. ރަށްރަށަށް ގޮސް ކުޑަ ކާފު، ބޮޑު ކާފު، ޖަހަން އެންގިން."
ހަގީގަތުގައި އޭރުގެ ވޯޓުގެ ކަންކަން ކުރިއަށް ގެންދިޔައީ މިއަދުގެ މީހުން ހީހީބަލިވާ ގޮތަށެވެ. އޭރު މީހުންގެ ހޭލުންތެރިކަން ދަށްވުމާއި ސަރުކާރުން ކުރާ އަނިޔާތަކުގެ ސަބަބުން އެ ކަމަށް ރުހިގެން ތިބުން ނޫން ގޮތެއް ނޯވެއެވެ. އިންތިޚާބުތައް ބާއްވަމުން ދިޔައީ ސަރުކާރުގެ ނުފޫޒުތައް ފޯރުވައި މަކަރާތް ހީލަތްތަކުގެ ތެރެއިންނެވެ.
ވޯޓުލުން މުޅިންހެން ބާއްވަނީ ހުކުރު ދުވަހުއެވެ. ކޮންމެ ރަށަކަށް ވޯޓު ކަރުދާހާއި ވޯޓު ފޮށި ފޮނުވާއިރު އިތުރު ކަރުދާހާއި ފޮށީގެ ތަޅުދަނޑި ރަށު ކަތީބާ ހަވާލު ކުރެއެވެ. ފޮށި ހުޅުވައިގެން ވޯޓުތަކާ ކުޅުމުގެ ފުރިހަމަ އިހުތިޔާރު ކަތީބާއި ވެރިންނަށް އޮވެއެވެ. މަގާމު ދިފާއު ކުރުމަށްޓަކައި އެ ރަށަކުން ގިނަ ވޯޓު ހޯދުމަށް ގިނަ ވެރިންތަކެއް ވޯޓުތަކާ ކުޅެއެވެ. ވޯޓުލައި ނިމުމުން ރަށުގައި ވޯޓު ގުނުމެއް ނޯވެއެވެ. ހުރިހާ ވޯޓުފޮއްޓެއް އެއްކުރާނީ އެ އަތޮޅެއްގެ އަތޮޅު އޮފީހަށެވެ. އެ ތަނުން ދެން ގެންނާނީ މާލެއަށެވެ. ވޯޓު ގުނުން އޮންނާނީ މާލޭގައެވެ.
"މާލެއަށް ފޮށި ގެންނައިރު ހުންނާނީ ހުރިހާ ނުބައި ފާހަޖަ ޖެހި ކަރުދާހެއް ނަގައިފައި ރަނގަޅު ފާހަގަ ލީ ކަރުދާސް ލައިފައި. ބައެއް ފޮށިފޮށީގައި ހުރޭ ވަކިވަކި ވޯޓުކަރުދާސް ވަކިނުކޮށް ފޮތް އެއްގޮތަށް ވެސް ރަނގަޅު ފާހަގަ ޖަހާފައި ލައިފައި. އެއީ އޭރު ކަންކުރި ގޮތް،" ކުރީގެ އަތޮޅުވެރިއަކު ބުންޏެވެ.
ރައީސް މައުމޫން އެގޮތަށް ދިގުވެރިކަމެއް ކުރެއްވީ އިންތިޚާބުން ގިނަ ރަށްރަށުން 100 ޕަސެންޓް ތާއީދު އޮތްކަން ދައްކައިގެންނެވެ. އެ ވެރިކަމުގައި ފަސް ރިޔާސީ އިންތިޚާބެއް ބޭއްވިއިރު މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވި ކަމަށް އެ ބޭފުޅުން ވިދާޅުވަނީ 2008 ވަނަ އަހަރުއެވެ. އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި އެ އިންތިޚާބުން ކުރި ހޯއްދެވީ ރައީސް މުހައްމަދު ނަޝީދެވެ.
މިއަދު މިނިވަންކަން، ރަނގަޅު ގޮތް ނިންމާ
އެއީ އޭރުގެ ހާލަތެވެ. ދިވެހީން އުޅެން ޖެހުނުގޮތެވެ. ނާއިންސާފުން ކިތަންމެ އަނިޔާއެއް ކުރިޔަސް އިންސާފު ލިބޭނެ ހަމަ އެއްގޮތެއް ވެސް ނޯވެއެވެ. ރައްޔިތުންނަށް އަސާސީ ގިނަ ޚިދުމަތްތައް ނުލިބޭއިރު ދައުލަތަށް ލިބޭ ފައިސާއިން ވެރިންނާއި އެ ބޭފުޅުންގެ އާއިލާތައް އުޅެމުން ދިޔައީ ވަރަށް އަރާމު ދިރިއުޅުމެކެވެ. ދައުލަތުގެ ވަސީލަތްތައް ވެރިން ބަހާލެއްވީ ހިތުހުރި ގޮތަކަށެވެ. ރާއްޖެފަދަ ގައުމުތައް ބާރު ސުޕީޑުގައި ކުރިއަށްދިޔައިރު ރާއްޖެ ތަރައްގީ ކުރީ ފިނިހަކަ ދުވެލީގައެވެ. ހުރިހާކަމެއް ވެސް ރޭވީ ގިނަ ދުވަހު ވެރިކަމުގައި ހުރެވޭނެ ގޮތަށެވެ. މިކަންކަމާ ދެކޮޅަށް އެއްޗެއް ބުނެފި މީހަކަށް ދެނީ އިންސާނިއްޔަތުކަމާ ހިލާފު އަނިޔާއެވެ.
ވޯޓުލުމަށް ފަހު ވޯޓުގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ހާލަތު ބަދަލުކުރީ ގިނަ ދިވެހީންތަކެއްގެ ބުރަ މަސައްކަތުންނެވެ. އެންމެ ބޭފުޅެއް، ދެ ބޭފުޅެއް ނޫނެވެ. އެތައް ބައެއްގެ މަސައްކަތުންނެވެ. އާ ގާނޫނުއަސާސީއެއް ދިވެހީންނަށް ލިބުމާ އެކު މިނިވަންކަން ލިބުނެވެ. އެ މިނިވަންކަމާ އެކު ބައެއްކަންކަން ހައްދުފަހަނަ އަޅައިވެސް ދިޔައެވެ. ގެއްލުން ވެސް ވިއެވެ. ނަމަވެސް ވެރިން ޖަވާބުދާރީ ކުރުމުގެ މިނިވަންކަން ލިބިއްޖެއެވެ. މިނިވަން އިންތިޚާބުތަކެއް ބޭއްވޭތީއެވެ. އެގޮތުން 2008ގެ ފަހުން ބާއްވާ އިންތިޚާބުތަކުގައި ވެރިންނަށް އަންނަނީ ގިނަ ރައްޔިތުން ވޯޓުލާ މީހާއެވެ. އެކަން ޔަގީން ކުރެވިއްޖެއެވެ.
މިއަދު ވޯޓުތައް ނަގަމުން ދަނީ ދެފުށް ފެންނަގޮތަށެވެ. މަކަރު ހެދޭނެ ފުރުސަތެއް ނުލިބޭހެން ފާރަވެރިވެވޭ ނިޒާމެއްގެ ތެރެއިންނެވެ. ހުރިހާ ކަމެއްހެން ހިނގަނީ އެންމެންގެ ކުރިމަތީގައެވެ.
ކުރިން ރައީސްގެ ގޮށްމުށުން ތާއީދު ހޯދިޔަސް މިއަދު ތާއީދާއި ވޯޓު ލިބޭނީ ރައްޔިތުންނަށް ވައުދުވެ، ވައުދު ފުއްދައިގެންނެވެ. ރައްޔިތުންގެ ތާއީދާއި އިތުބާރު ނުލިބި ވެރިކަމެއް ނުލިބޭނެއެވެ. އޭގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ ދުވެލި ކުރިއަށްވުރެން އެތައް ގުނައެއް ހަލުވިވެއްޖެއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިއްޖެއެވެ.
ރިޔާސީ އިންތިޚާބެއް ބާއްވަން ކުޑަތަންވެފައިވާއިރު މި މިނިވަންކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ދިވެހީން ހިފަންޖެހެއެވެ. ގައުމަށް އެންމެ ފައިދާހުރި ކެންޑިޑޭޓު ހޮވުމަށް ވޯޓުލައި ޒިންމާ އަދާކުރަން ޖެހެއެވެ. މިއަދު ކުޑަ ކާފާއި ބޮޑު ކާފުގެ ޖަރީމާއެއް ނެތެވެ. އެންމެ ފެންނަ ގޮތަށް ވޯޓުލާން ޖެހެއެވެ.