އެމްއެމްޕީއާރުސީގެ ޚިޔާނާތް: ޒިޔަތަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް

އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު މިއަދު ކްރިިމިނަލް ކޯޓުގައި ހެކިބަސް ދެއްވަނީ ----

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި މީގެ ކުރިން ވެސް ޖަލަށްލާން ހުކުމްކޮށްފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 12 އަހަރުގެ އިތުރު ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި އެސްއޯއެފް ކިޔާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށް އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ދައުލަތުން އުފުލިއެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން މިއަދު ވަނީ ޚިޔާނާތްތެރިވުމުގެ ތިން ދައުވާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ފުރަތަމަ ދައުވާގައި ބުނެފައިވަނީ, އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭނާ ހުރެ، 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ތެރޭގައި އެ ކުންފުނިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ޑޮލަރު ހޯދައިދުނުމުގެ ނަމުގައި އެ ކުންފުނިން އެކި ފަހަރުމަތިން ދިވެހި ރުފިޔާ ހޯދައި، އެފައިސާތަކުގެ ތެރެއިން 203 މިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާތީ އެވެ.

ދެވަނަ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައްކެއް އަމިއްލަ އެކި ކުންފުނިތަކަށް ލޯނުގެ ނަމުގައި ދޫކޮށް، އެ ކުންފުނީގެ 6.8 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ.

ތިން ދައުވާ ޒިޔަތުގެ މައްޗަށް އުފުލާފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އިން އެމްއެމްޕީއާރުސީއަށް ލޯނުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ހޯދައި، އެ ފައިސާތައް އަމިއްލަ ކުންފުންޏަކަށް ދޫކޮށް، އެ ފައިސާތަކަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައެވެ.

އެ ތިން ދައުވާ ވެސް ޒިޔަތުގެ މައްޗަށް ސާބިތުވެފައިވާއިރު ކޮންމެ މައްސަލައަކާ ގުޅިގެން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެގޮތުން އޭނާގެ މައްޗަށް މިއަދު ވަނީ ޖުމްލަ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅިގެން ޒިޔަތު އެންމެ ފުރަތަމަ ހައްޔަރުކުރީ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 23، 2015ގައެވެ. އޭނާއަށް ކުރި ދައުވާތަކުގެ ތެރެއިން ޅ. މާބިންހުރާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލަ ސާބިތުވެ، ޖޫން 23، 2016ގައި އޭނާއަށް އަށް އަހަރުގެ ހުކުމެއް އިއްވިއެވެ.

އެ ހުކުމް ޖަލުގައި ތަންފީޒު ކުރަމުން ދިޔަ ނަމަވެސް، ފެބްރުއަރީ 9، 2019ގައި އޭނާ ގޭބަންދަށް ބަދަލު ކުރިއެވެ. އެ ފަހުން އޭނާގެ މައްޗަށް 11 އަހަރުގެ ހުކުމް އިއްވުމުން ޖަލަށް ލުމަށް ފަހު، ފަހުން އަނެއްކާވެސް ވަނީ ގެއަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް